އެމްޑީޕީން މަސައްކަތްކުރަނީ ރައްޔިތުންނަށް ސާފުކޮށް ފެންނަން ހުރި ކަންކަންވެސް އޮޅުވާލަންކަމަށާއި، އެއީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ފަރާތުން ފެންނަންޖެހޭނެފަދަ އަމަލުތަކެއް ނޫންކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ބުނެފިއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން މިހެން ބުނެފައި މިވަނީ ސަރުކާރާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތައް އެމްޑީޕީން ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ބުނީ ޚަރަދު ކުޑަކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، އަހަރުން އަހަރަށް ބޮޑުވަމުން އައި ޚަރަދުތައް ކޮންޓްރޯލްކޮށްފައިވާކަމަށެވެ. އެގޮތުން ފާއިތުވި 3 އަހަރު އެވަރެޖްކޮށް ކޮންމެ އަހަރަކު %15 އިން ދަޢުލަތުގެ ޚަރަދުތައް އިތުރުވަމުންދިޔަ ނަމަވެސް، ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ދަޢުލަތުގެ ޚަރަދުތައް އިތުރުވީ %2.5 ކަމަށެވެ. މީގެއިތުރުން ބަޖެޓު ޑެފިސިޓް ކޮންޓްރޯލްކުރެވި، މިއަހަރު ޖުމްލަ ބަޖެޓުގެ ޑެފިސިޓް 378 މިލިއަން ރުފިޔާއިން ކުޑަކުރެވި، %3.6 ދަށްވެފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.
ޕީއެންސީން ބުނީ ނިމުނު ސަރުކާރުގައި ބޭރުގެ އެހީގައި ހިންގަން ފެށި މަޝްރޫޢުތަކުގެ ޚަރަދުތައް ޤަވާއިދާއި އެއްގޮތަށް ރެކޯޑްނުކޮށް މިއަހަރުގެ ޚަރަދުތަކުގެ ތެރެއަށް އެ ޚަރަދުތައް ހިމެނުމުން ކުރިމަތިވި މައްސަލަތައްވެސް މި ސަރުކާރުން ޙައްލުކުރަމުންދާކަމަށެވެ. އަދި ދަޢުލަތުގެ ޚަރަދުބަރަދާ ގުޅޭ ތަފްސީލްވެސް ހިއްސާނުކުރާކަމަށް އެމްޑީޕީން ބުނާއިރު، އެއީވެސް ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަން ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މަޢޫލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްގުގެދަށުން އެކި ކަންކަމުގައި ޖަބާބުދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާކަމަށް އެމްޑީޕީން ބުނާއިރު، އެއީވެސް ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަން ތަފާސް ހިސާބުތަކުން ފެންނަކަމަށް ބަޔާނުގައިވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައެޅި އާރްޓީއައިގެ ތެރެއިން، ޤާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ހުރިހާ އާރްޓީއައިއަކަށް ވަނީ ޖަވާބުދީފައިކަމަށާއި އަދި ސަރުކާރުގެ ވުޒާރާތަކާއި ދަޢުލަތުގެ ކުންފުނިތަކުންވެސް އަންނަނީ އާރްޓީއައިތަކަށް ޖަވާބުދެމުންކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޕީއެންސީގެ ބަޔާނުގައި ބުނީ އެމްޑީޕީގެ ސަރުކާރުގައި ދަޢުލަތުގެ ކުންފުނިތަކުން އެއްވެސް އާރްޓީއައިއަކަށް ޖަވާބުދާރީވެފައި ނެތްކަމަށެވެ. އަދި ދަޢުލަތުގެ ކުންފުނިތަކުން، އާރްޓީއައިއަށް ޖަވާބު ދޭންޖެހޭނެކަމަށް ކޯޓުތަކުން ކަނޑައެޅުމުންވެސް ޖަވާބު ނުދީ ހިފަހައްޓާފައިވާކަމަށާއި، މި ސިޔާސަތު ނިމުކަމަށް ގެނެސް ހާމަކަން ބޮޑުގޮތެއްގައި މަޢުލޫމާތު ދޭން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހުކަމަށްވެސް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ޢަދަދު ހޯދުމަށް ނޫސްތަކުން އެކި ވުޒާރާތަކަށް ފޮނުވި އާރްޓީއައިތަކަށް އެ ވުޒާރާތަކުން ޖަވާބުދީ، އެ ވުޒާރާތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ދަޢުލަތުން ކުރާ ޚަރަދުތައްވެސް ނޫސްތަކުން ރިޕޯޓްކޮށްފައިވާކަންވެސް ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފާއިތުވި އަހަރު 70 އަށްވުރެ ގިނަ ނޫސްވެރިންގެ ބައްދަލަވުން ބޭއްވިއިރު، 700 އަށްވުރެ ގިނަ ފަހަރު ވަޒީރުން އެކި މީޑިއާތަކަށް މަޢުލޫމާތު ދީފައިވެއެވެ. އަދި މި މުއްދަތުގައި އެއްވެސް މީޑިޔާއަކަށް ފިޔަވަޅު އެޅުމަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.
މީގެއިތުން ފުރަތަމަ ފަހަރަށް ކެބިނެޓްގެ ނިންމުންތައްވެސް އާއްމުންނަށް ފެންނާނެގޮތަށް އާއްމުކުރަން ފެށީވެސް މި ސަރުކާރުންކަމަށް ބަޔާނުގައިވެއެވެ. އެގޮތުން މާޗު 24އިން ފެށިގެން، އެކަމަށް ޚާއްސަ ވެބްސައިޓެއްގައި ކެބިނެޓްގެ ކޮންމެ ނިންމުމެއް އަދާހަމަކޮށް އަންނަނީ ޝާއިޢުކުރަމުންނެވެ.
އެހެންކަމުން ރައްޔިތުންނަށް ފެންނަންހުރި މިފަދަ ސާފު ޙަޤީޤަތްތައް އޮޅޭގޮތަށް ދަޢުލަތުގެ ބަޖެޓުން ފައިސާދީގެން ހިންގާ ސިޔާސީ ޕާޓީތަކުން މައުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ވެރިކަންކުރާ ޕީއެންސީގެ ބަޔާނުގައިވެއެެވެ.