ބައިނަލްއަޤްވާމީ ފެންވަރުގައި ޑޭ އޮފް ކްލީން އެނަރޖީ ނުވަތަ ސާފު ހަކަތައިގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މިދުވަހުގެ މުހިންމުކަމާ މެދު ވިސްނާ، ގްރީންހައުސް ގޭސް (ޖީ.އެޗް.ޖީ) ނުވަތަ ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށް، ސާފު ހަކަތައަށް ބަދަލުވެ، އަޅުގަނޑުމެންގެ ދުނިޔެ ޙިމާޔަތްކުރުމަށްޓަކައި މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ކަމަށް ތަކުރާރުކޮށް ގޮވާލައްވާފައި މި ވަނީ، ސާފު ހަކަތައިގެ ދުވަހުގެ މުނާޞަބަތުގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖުގައެވެ.
މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ހިރާސް ބޮޑު، ބިންތިރި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުމަށް ލާޒިމުކަމެއްކަން ފާހަގަކުރައްވާފައެވެ.
އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ޚާއްޞަކޮށް ސޯލަރ ޕަވަރ އިނީޝިއޭޓިވްސް ނުވަތަ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގައި ބޭނުން ކުރާ ކަރަންޓު ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ އަދުގެ ސަރުކާރުން ވަރުގަދަ ޢަޒުމެއްގައި ކަނޑައަޅުއްވާފައި އޮތް އަމާޒެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ހަކަތައިގެ ގާނޫނާއި ހަކަތައިގެ ދާއިރާގެ މަގުޗާޓުގައި، ހަކަތައިގެ ސަޕްލައި އަކީ އެކަށީގެންވާ، އިތުބާރު ހިފޭ، ދެމެހެއްޓެނިވި، ރައްކާތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމަކަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.
އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ދާއިރާގައި، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރއިން މުހިންމު ދައުރެއް އަދާކުރަމުންދާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، މި މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދެއްވާފައެވެ. މި މަސައްކަތްތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާއި، އިޤްތިޞާދީ ހަރުދަނާކަން އިތުރުވެގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ސާފު ހަކަތައިގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފައިސާގެ އެހީދޭ ބައިވެރިން ދެއްވާ އެއްބާރުލުމަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހަމަ މި މޭރުމުން އެ މަނިކުފާނު ވަނީ، ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)އަށް ދޭ އެހީ، ކުރިއަށް އޮތް އަހަރުތަކުގައި އިތުރުކުރަން ޖެހޭކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، އަޅުގަނޑުމެންގެ ރަށްތައް ޙިމާޔަތްކޮށް، ދުޅަހެޔޮ ވެއްޓެއް ޤާއިމުކޮށް، އެހެން ޤައުމުތަކަށް ވެސް ނަމޫނާއެއްގެ ގޮތުގައި ދިވެހިރާއްޖެ ސާބިތުވެ އޮންނާނެ ކަމާއި، ޤައުމާއި ދުނިޔޭގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނީ ސާފު ހަކަތައިގެ މަގުގައިކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
— Dr Mohamed Muizzu (@MMuizzu) January 26, 2025
ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ 5 އަހަރު ދުވަހުގެ ތެރޭގައި، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި ޤާއިމުކޮށްފައިވަނީ 53 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައެވެ. ނަމަވެސް ސަރުކާރަށް 1 އަހަރު ވީއިރު، މިހާރު އެއަދަދު 70 މެގަވޮޓަށް ވަނީ އިތުރުކޮށްފައެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި، ދުވާލު ގަޑީގައި ބޭނުންކުރާ ހަކަތައިގެ އެންމެ މަތީ މިންވަރަށް ކަރަންޓު އުފެއްދޭވަރަށް މިހާރުވެސްވަނީ އިއާދަކުރަނިވި ހަކަތަ ނިޒާމު ޖަހާފައެވެ. އަވިން ހަކަތަ އުފައްދާ ނިޒާމުތަކުގެ އިތުރުން، ވަޔާއި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ހަކަތަ އުފެއްދޭތޯ ބެލުމުގެ ތަޙުލީލުތަށްވެސް ރާއްޖޭގަ އަންނަނީ ކުރަމުންނެވެ.
ތިމާވެށީގެ ތަރައްޤީގެ މަސައްކަތްތަކުގައި ރާއްޖޭގެ ތަޖުރިބާ ވަކިވަކި ޤައުމުތަކާއި، އަދި ބައިނަލްއަޤްވާމީ މައިދާނުގައިވެސް އަންނަނީ ހިއްސާކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ކޮޕް ސަމިޓުގައިވެސް ވަނީ، އިއާދަކުރަނިވި ހަކަތަ ޤާއިމުކުރުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތު ކުދި ޖަޒީރާ ޤައުމުތަކާ ހިއްސާކޮށްފައެވެ.