ޚަބަރު

ރައީސްގެ އަނބިކަނބަލުން ރަސްމީ ދަތުރުފުޅެއްގައި އިހަވަންދުއަށް


  • މިދަތުރުފުޅުގައި ޑައިލިސިސްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާނެ

  • މިއީ ރައީސްގެ ވަޢުދުފުޅެއް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި ހއ. އިހަވަންދުއަށް ވަޑައިގެންފިއެވެ. އެކަމަނާ އިހަވަންދުއަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސްގެ އަނބިކަނބަލުންނަށް އިހަވަންދޫން ރަސްމީކޮށް މަރުހަބާ ދެންނެވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރެވެ.

ރައީސްގެ އަނބިކަނބަލުންގެ މި ދަތުރުފުޅަކީ އިހަވަންދޫ އާމިނާދިޔޯ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެކަމަށްޓަކާ އިހަވަންދޫ ސްކޫލުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތު މިއަދު ހަވީރު އޮންނާނެއެވެ. މި ރަސްމިއްޔާތަށްފަހު ރައީސްގެ އަނބިކަނބަލުން ސިއްޚީ މަރުކަޒަށް ވަޑައިގެން ޑައިލިސިސް ޔުނިޓްގެ މަސައްކަތްތައް ބައްލަވާލައްވާނެއެވެ.

އިހަވަންދޫގައި ޑައިލިސިސްގެ ޚިދުމަތް ފަށްޓަވައިދެއްވުމުގެ އިތުރުން، "ފުއްޓަރު އުފާ"ގެ ނަމުގައި މި ރަށުގައި ތަރައްޤީކުރާ ހިތްފަސޭހަ މައިޒާނުގެ ބިންގާވެސް މިދަތުރުފުޅުގެ ތެރެއިން އެކަމަނާ އަޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މައިޒާނަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އޭ.ކޭ.އެޗް ފައުންޑޭޝަން ގުޅިގެން ތަރައްޤީކުރާ މައިޒާނެކެވެ.

ހއ. އިހަވަންދޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ މިދިޔަ ޖެނުއަރީމަހު އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިހަވަންދޫގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ރަމަޟާންމަހުގެ ކުރިން މި ރަށުގައި ޑައިލިސިސްގެ ޚިދުމަތް ފަށްޓަވާނެކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ކިޑްނީ ބަލީގައި ޑައިލިސިސް ހަދަންޖެހޭ 10 ޕޭޝަންޓުން މިވަގުތުވެސް މި ރަަށުގައި އެބަތިއްބެވެ. މި ޚިދުމަތް ހޯދުމަށް އެ މީހުން ދާންޖެހެނީ ހއ. ދިއްދޫ ނުވަތަ ކުޅުދުއްފުށި ސިޓީއަށެވެ. މިއީ ރައްޔިތުންގެ އަތުން ބޮޑު ޚަރަދެއްވެސް ހިނގާކަމެކެވެ. އެހެންކަމުން ރަށުގައި ތިބެގެން މި ޚިދުމަތް ލިބުން ވެގެންދާނީ ރަށުގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުއިފަސޭހައެއްގެ ގޮތުގައި މި ރަށު ރައްޔިތުންވެސް ދެކެއެވެ.