ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޯލްޓާއަށް ފުރާވަޑައިގެންފައި


  • މޮލްޓާގެ ބޮޑުވަޒީރުގެ ނައިބާއި ބައެއް ވަޒީރުންނާ ބައްދަލުކުރައްވާނެ

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް މޮލްޓާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ އަދި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިއަން ބޯގްއާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުމުގައި ތެރެއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. އަދި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ޚާރިޖީ ވުރާއިން ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ކެބިނެޓުގެ އިތުރު ބައެއް ވަޒީރުންނާވެސް ޚާރިޖި ވަޒީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގެ ތެރެއިން ދެ ޤައުމު ގުޅިގެން ކުރެވޭނެ ކަންކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ.

މޮލްޓާގެ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި، ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުން ހިމެނެއެވެ. އަދި ފަތުރުވެރިކަމާއި ވިޔަފާރި ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންދާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި އަރިހުގައި ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކެރެޓަރީ ޙަސަން ޙުސެއިން ޝިހާބު ވަޑައިގަންނަވާނެއެވެ.