ސަރުކާރުން ކައުންސިލްތަކަށް ފޯރުކޮށްދޭ ބްލޮކް ގްރާންޓް، ނުވަތަ ބަޖެޓުންދޭ ފައިސާ ބޭނުންކުރަނީ ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށްތޯ ބެލޭނެ ނިޒާމެއް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ކުރައްވާނީ މާލީ ވުޒާރާގެ ދައުރުވެސް އޮންނަގޮތަށްކަމަށެވެ.
ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓް ފައިސާއަކީ ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށް ހޭދަކުރުމަށް ސަރުކާރުން ދޭ ފައިސާކަމަށެވެ. އެ ފައިސާ ޤާނޫނުގައި ވާގޮތަށް ރަށުގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާ މަންފާއަށް ހޭދަކުރުމަކީ ކައުންސިލްގެ އެންމެ މުހިންމު ޒިންމާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަޖުރިބާ ދަތުރުގެ ނަމުގައި، ބޮޑެތި ޚަރަދުތައް ބައެއް ކައުންސިލްތަކުން ކުރާކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ދަތުރުތައްވެސް ބައެއް ކައުންސިލްތަކުން ކުރާކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެކަމުން ރައްޔިތުންނަށް ވާ ފައިދާއަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ. މިކަމުގައި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް ބޮޑެތި އިސްރާފުތައްވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކައުންސިލްތަކުން ބްލޮކް ގްރާންޓް ހޭދަކުރާ ގޮތް ބެލުމުގެ ނިޒާމެއް، ފިނޭންސް މިނިސްޓްރީގެ ދައުރު އޮންނަގޮތަށް ޤާއިމުކުރާނަން. ތަޖުރިބާ ދަތުރުތައް ބެންކޮކަށް އެބަކުރޭ. އޭގެއިން ރައްޔިތުންނަށް ފައިދާއެއްވޭތޯ؟ ކޮންފައިދާއެއްތޯ އޭގެއިން ބަނީ ބަލަންޖެހޭ." ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފައިސާ ޚަރަދު ނުކޮށް ސޭވިންގައި ރައްކާކޮށްފައި ބެހެއްޓުމަކީވެސް ބައެއް ކައުންސިލްތަކުން ކުރަމުންދާ ކަމެއްކަމަށެވެ. ނަމަވެސް އެފައިސާ އަކީ ރަށުގެ ތަރައްޤީއަށް ޚަރަދުކުރަން ސަރުކާރުން ދޭ ފައިސާއަށްވުމާއެކު، އެ ފައިސާ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ހޭދަކުރެވޭނެ ގޮތްތަކަށް ކައުންސިލްތަކުން މަސައްކަތްތައް ކުރިއަށްގެންދަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ސަރުކާރުން ކައުންސިލްތަކަށް ދޭ މި ފައިސާއިން ރަށުގެ ތަރައްޤީއަށް ކުރެވެންހުރި ހުރިހާ މަސައްކަތްތައް ކުރިއަށްގެންދަން ރައީސް އެދިވަޑައިގެންނެވިއެވެ. ކަންކަން ނުކޮށް ފައިސާ ފޮރުވާފައި ބެހެއްޓުމަކީ ސަރުކާރުން ބޭނުންވާ މަޤުޞަދު ހާސިލްވާ ކަމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ފައިސާ މި ދޫކުރަނީ ސަރުކާރުން. އެކަމަކު ޚަރަދު ނުކޮށް އެބަ ބަހައްޓާ. ނޫނީ ފައިދާއެއް ނެތްފަދަ ތަޖުރިބާ ދަތުރުތައް އެބަކުރޭ. އޭގެ ބަދަލުގައި އެ ފައިސާ މުހިންމު ކަންކަމަށް ބޭނުންކުރަންވީ." ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤާނުތަކާއި ސިޔާސަތުތަކަށް ގެންނަ ބަދަލުގައި، މިކަން ބެލޭނެ އަދި ރައްޔިތުންނަށް ޖަވާބުދާރީ ވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރައްވާނެކަމަށެވެ. ކައުންސިލްތަކުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ފުރިހަމައަށް އަންގައިދޭންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް މިއަހަރުގެ ބަޖެޓުން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވެއެވެ.