ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލުގެ ޒަމާނީ އިމަރޖެންސީ ރޫމް ނިމި މިހަފްތާގައި ޚިދުމަތް ފަށަނީ


  • މިވޯޑުގައި މިހާރު 14 އެނދު ހުންނާނެ

  • ކްރިޓިކަލް ކެއަރއަށް ޚާއްސަ އެއް އެނދު ހުންނާނެ

  • މިވޯޑާއެކު ކުއްލި ފަރުވާގައި އެހެން ހޮސްޕިޓަލްތަކަށް ރިފަރކުރުން މަދުވާނެ

ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމްކުރާ ޒަމާނީ އިމަރޖެންސީ ރޫމްގެ މަސައްކަތް ނިމި މިހަފްތާގައި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އެހޮސްޕިޓަލުގައި 14 އެނދުގެ އެމަރޖެންސީ ރޫމެއް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާއި ޙަވާލުކުރީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ.

ދެލައްކައެއްހާ މީހުންގެ އާބާދީއަކަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ތަރައްޤީކުރާ ހުޅުމާލޭ ހޮސްޕިޓަލުގައި އިމަރޖެންސީގެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ނެތުމަކީ އެސަރަޙައްދުގެ ރައްޔިތުންނާއި ހޮސްޕިޓަލުގެ މެނޭޖްމަންޓުގެވެސް ބޮޑު ކަންބޮޑުވުމެކެވެ. މިގޮތުން ވޭތުވެދިޔަ 7 އަހަރު ހުޅުމާލޭ ހޮސްޕިޓަލުގައި އީއާރްގެ ޚިދުމަތް ދެމުން އައީ 7 އެނދުގެ ތަނެއްގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ހުޅުމާލޭ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް، މޫސާ ކަލީމް ޤާސިމް ވިދާޅުވީ، ހޮސްޕިޓަލުގެ އިމަރޖެންސީ ވޯޑުގެ އެނދުތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ، ހޮސްޕިޓަލަށް ކުއްލި ފަރުވާ ހޯދުމަށްދާ ފަރާތްތައް އެހެން ހޮސްޕިޓަލުތަކަށް ފޮނުވާލަން ކުރަންޖެހުންކަމަށެވެ.

"އަޅުގަނޑުމެން ގަސްތުކުރަނީ މިހަފްތާގެ ތެރޭގައި އީއާރްގެ މިމަސައްކަތް އެއްކޮށް ނިންމާ ޚިދުމަތްދޭން ފަށަން، މިހާރު އެނދުތައްވެސް ގެނެސް އެހެން ތަކެއްޗާއެކު އިންސްޓޯލްކުރުމަށް މިމަސައްކަތް ކުރަނީ" ކަލީމް ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ އެމަރޖެންސީ ވޯޑުގެ މަސައްކަތް ނިމޭއިރު އެވޯޑުގައި 14 އެނދު ޤާއިމުވެފައި ހުންނާނެކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި ކްރިޓިކަލް ކެއަރގެ އެނދެއް މީގެ ތެރޭގައި ހިމެނެއެވެ. މިމަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.