ޚަބަރު

"ޔަންމާ ސްޕެއާ ޕްރޮމޯ 2025" ފަށައިފި


  • ޕްރޮމޯ ކުރިއަށްދާނީ މިއަދުން ފެށިގެން 1 މަސްދުވަހުގެ މުއްދަތަކަށް

  • ކޮންމެ 15 ދުވަހަކުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ ޑީއެފް 9.9 އިންޖީނެއް

"ޔަންމާ ސްޕެއާ ޕްރޮމޯ 2025" ފަށައިފިއެވެ.

"ޔަންމާ ސްޕެއާ ޕްރޮމޯ 2025" އިފްތިތާޙުކޮށްދެއްވީ އެމްޓީސީސީ ކަށަވަރު ޝޯރޫމުގައި ބޭއްވި ހަފްލާއެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙުމަދު ސައުދީއެވެ.

ޔަންމާ ސްޕެއާ ޕްރޮމޯ ކުރިއަށްދާނީ 5 އޮގަސްޓްއިން 5 ސެޕްޓެމްބަރުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ މައިގަނޑު މަޤްސަދަކީ ޔަންމާ ސްޕެއަރޕާޓްސް ކަސްޓަމަރުންނަށް ފޯރުކޮށްދީ ޔަންމާއަށް ކަސްޓަމަރުންގެ މެދުގައި އޮންނަ ޒަމާންވީ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމެވެ.

ޕްރޮމޯޝަނުގެ މުއްދަތުގައި ކުރާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެކަމަށާއި ކޮންމެ 15 ދުވަހަކުން ނެގޭ ގުރުއަތުން ހޮވޭ 2 ފަރާތަކަށް ސުޒުކީ ޑީއެފް 9.9 އިންޖީނެއް ލިބޭނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙުމަދު ސައުދީ ވިދާޅުވީ ދިވެހި ރާއްޖޭގައި ޔަންމާ އިންޖީނު ތައާރަފް ކޮށްގެން ވިއްކާތާ ގާތްގަނޑަކަށް 50 އަހަރު މިއަހަރަށް ވާނެ ކަމަށެވެ. އެގޮތުން ފެށުނީންސުރެވެސް އެމްޓީސީސީއާއި ޔަންމާ ގުޅިގެން އިންޖީނާއި ސްޕެއާ ފޯރުކޮށްދެމުން އަންނަކަމަށެވެ.

މެނޭޖިން ޑިރެކްޓަރ ވިދާޅުވީ އެހެން ނަމަވެސް ރާއްޖޭގައި މިހާރު ވަރަށް ގިނަ ޔަންމާ ގެ ކަސްޓަމަރުން ތިބިކަމަށާއި ސްޕެއާ ޕާޓްސް ފޯރު ކޯށްދިނުމުގައި އެމްޓީސީސީއަށް ޗެލެންޖަސްތަކެއް ހުރިކަމަށެވެ. އެގޮތުން މިކަން ރަނގަޅު ކުރުމައްޓަކައި ޓްރޭޑިންއާއި އެމްޓީސީސީ ޓީމް ގުޅިގެން ކަސްޓަމަރުންނަށް ބޭނުންވާ ސްޕެއާ މަދުވެގެން 3 މަހަށް ވާވަރަށް ހޯދިފައިވާކަމަށް މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

މިހާރު ޔަންމާ އިންޖީނުގެ ސްޕެއާއި އަދި އެހެނިހެން ޚިދުމަތްތަކާއި ތަކެތި އެމްޓީސިސީގެ ކަށަވަރު ފިހާރައިން ލިބޭނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދެއްވާކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

"ޔަންމާ ސްޕެއާ ޕްރޮމޯ 2025" އަމާޒު ކޮށްފައިވަނީ އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖިނިއަރުންނާއި، ފަތުރުވެރިކަމާއި އަަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި އުޅަނދުފަހަރުގެ އިންޖީނުގެ ސަރވިސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމާއި، މެއިންޓެނެންސް އާއި ގުޅޭގޮތުން އޮޑިވެރިން އިތުރަށް ހޭލުންތެރިކުރުމަށްޓަކައި މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޑަސްޓްރިއަލް ސައިޓްތަކާއި އޮޑިހަރުގެތަކަށް ޒިޔާރާތް ކުރުން ހިމެނޭ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއްވިއެވެ.

ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ އަމާޒާއި އެއްގޮތަށް ކޮންމެ އަހަރަކުވެސް އެކު އުފެއްދުންތަކުގެ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި، ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަށް އެކުންފުނިން އިސްކަންދެއެވެ.