ދެރަށެއްގެ ކުނިކޮށި އަޕްގްރޭޑްކުރުމާއި އިތުރު ރަށެއްގެ ކުނިކޮށި އެޅުއްވުމަށް ނިންމަވައި އެންވަޔަރަމަންޓް މިނިސްޓްރީން އެ މަސައްކަތް ކޮންޓްރެކްޓަރުންނާ ޙަވާލުކުރައްވައިފިއެވެ.
ކުނިކޮށި އަޕްގްރޭޑްކުރެއްވުމަށް ހަމަޖައްސަވާފައި ދެރަށަކީ ރ.މީދުއާއި ބ.ކުޑަރިކިލެވެ.
މި ދެރަށުގެ ކުނިކޮށި އަޕްގްރޭޑްކުރުމުގެ މަސައްކަތް ޙަވާލުކުރެއްވާފައިވަނީ އައިއެސްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ޕީއެސްއައިޕީގެ ދަށުން މިދެރަށުގެ ކުނިކޮށި އަޕްގްރޭޑްކުރުމަށް އަށްސަތޭކަ ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. މި މަޝްރޫއުގެ ދަށުން މި ދެ ރަށުގެ ކުނިކޮށި، ކުނި މެނޭޖްކުރުމުގެ ޚިދުމަށް ދެވޭ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. އައިއެސްއެފްގެ ފަރާތުން މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އިޙްސާނާ ޝަރީފެވެ.
ދެކުނުގެ ތިން އަތޮޅުގައި ކުނި މެނޭޖް ކުރެއްވުމަށް ކުރިއަށް ގެންދަވާ ޕްރޮޖްކްޓްގެ ދަށުން އަލަށް ކުނިކޮށި އެޅުއްވުމަށް ހަމަޖެއްސަވާފައިވަނީ ގއ. މާމެންދޫގައެވެ. އެރަށުގައި އަލަށް ހައްދަވާ ކުނިކޮށީގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ، ބްރޯހުޑް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
މި ކުނިކޮށި އެޅުއްވުމަށް ގާތްގަނޑަކަށް 1.1 މިލިއަންރުފިޔާ ޚަރަދުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ބްރޯހުޑް ކޮންސްޓްރަކްޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނަޢީމެވެ.
މި ތިން އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، މި ތިން މަޝްރޫޢުވެސް މިއަހަރުގެތެރޭގައި ނިންމެވުމަށް އަމާޒު ކުރައްވާފައިވާކަމަށާއި، ރާއްޖޭގެ ހުރިހާރަށެއްގައި އެ ރަށެއްގެ ފެންވަރުގެ ކުނިކޮށި ޤާއިމްކުރެއްވުމުގެ މަސައްކަތުގެ ދަށުން 2017 ވަނަ އަހަރު ނިމެންވާއިރަށް ހުވަދުއަތޮޅުގެ ހުރިހާރަށެއްގައި ކުނިކޮށި ޤާއިމްކޮށް ނިމޭނެކަމަށެވެ. އަދި އުތުރުގެ 3 އަތޮޅެއްގެ ހުރިހާ ރަށެއްގައި ކުނިކޮށި ޤާއިމްކުރެއްވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި މަސައްކަތް ކުރަނީ ކޮންމެ ރަށަކަށްވެސް އެރަށަކަށް ބޭނުންވާ ފެންވަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ޤާއިމްކުރުމަށް. ވޭސްޓް މެނޭޓްމެންޓް ޕޮލިސީގައި 2018 ވަނަ އަހަރަށް އެ ރަށަކަށް ބޭނުންވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރ ޤާއިމްކޮށް ނިންމަން ކަނޑައަޅާފައިވޭ. އެ އަމާޒަށް މަސައްކަތް ކުރަނީ. މިއަހަރުގެ ފަހުކޮޅު ހއ، ހދ އަދި ށ އަތޮޅުގެ ރަށްރަށުގައި ކުނިކޮށި އެޅުމުގެ މަޝްރޫޢު އިތުރަށް ކުރިއަށްދާނެ" އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވިއެވެ.
ދެކުނުގެ ތިންއަތޮޅުގެ ކުނިމެނޭޖްކުރެއްވުމަށް އައްޑޫ ސިޓީގައި ޤާއިމްކުރައްވާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަޝްރޫޢަކީ އަބޫދާބީ ފަންޑް ފޯރ ޑެވެލޮޕްމަންޓް އޭއެފްޑީ ލޯނު އެހީއާއި، ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވާ މަޝްރޫޢެކެވެ.
މިމަޝްރޫޢުގެ ދަށުން ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައި ކަމުގައިވިޔަސް މިމަޝްރޫޢަކީ އައްޑޫ ސިޓީ އާއި ފުވައްމުލައް، ހުވަދު އަތޮޅު ދެކުނުބުރި އަދި އެއަތޮޅު އުތުރުބުރި ހިމެނޭ ގޮތަށް ސަރަޙައްދީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ މަޝްރޫޢެކެވެ.