ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުޙައްމަދު ސިދުގީ ކުޅުނު ތިންވަނަ މެޗުގައި އިންޑޮނޭޝިއާގެ ޕެއާ އަތުން ބަލިވެއްޖެއެވެ.
ބަހްރެއިންގެ ސަމާ ބޭ ބީޗްވޮލީ އެރީނާގައި މިރޭ ދީމާއާއި އަޒްކާ ވާދަކުރީ އިންޑޮނޭޝިއާގެ އަޔުންޑާ އަދޭރިޔާއާއި ޗައިސޭލިއާ އެންޑިންޑާއާ ދެކޮޅަށެވެ. އެ ޕެއާއަކީ އަންހެން ބީޗް ވޮލީގެ އެއް ފެވަރިޓުންނެވެ. މެޗު އިންޑޮނޭޝިއާ ޕެއާއިން ގެންދިޔައީ ސީދާ ދެ ސެޓުންނެވެ.
އިންޑޮނޭޝިއާއާ ދެކޮޅަށް ރާއްޖޭގެ ޕެއާއިން ނުކުތީ ގޭމްސްގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ ދެމެޗުންވެސް މޮޅުވެފައި އޮވެގެންނެވެ. އެއީ ބަހްރެއިނާއި މޮންގޯލިއާ ކައިރިންނެވެ. އެ ދެމެޗުން މޮޅުވެ، ރާއްޖޭގެ ޕެއާ ކުއާޓާއާ ގާތަގައި އޮތް އިރު، ކުރިއަށްހުރި މެޗުތަކަށް އުންމީދު ބޮޑެވެ.
އިންޑޮނޭޝިއާ ޕެއާއިން މެޗުގެ ސެޓުތައް ގެންދިޔައީ 21-8 އަދި 21-12 އިންނެވެ. ދެސެޓުގައިވެސް ދީމާއާއި އަޒްކާގެ ޕެއާއިން ރަނގަޅަށް ކުޅެފައިވެއެވެ. ހާއްސަކޮށް، ސެޓުތަކުގެ ކުރީކޮޅުގައި ރަނގަޅު ވާދައެއް ކޮށްފައިވެއެވެ.
ބީޗް ވޮލީ އަންހެން ޕެއާއަށް ދެން އޮންނާނީ ޖޯޑަންއާއި ތައިލެންޑާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ޖޯޑަންއާ ދެކޮޅަށް ކުޅޭ މެޗު މާދަމާނޫން އަނެއް ދުވަހު އޮންނަ އިރު، ތައިލެންޑާ ދެކޮޅަށް ނުކުންނާނީ ހުކުރު ދުވަހުއެވެ.