ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުޙައްމަދު ސިދުގީ ކުޅުނު ދެވަނަ މެޗުގައި މޮންގޯލިއާވެސް ބަލިކޮށް، ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ބަހްރެއިންގެ ސަމާ ބޭ ބީޗްވޮލީ އެރީނާގައި މިރޭ ދީމާއާއި އަޒްކާ ވާދަކުރީ މޮންގޯލިއާގެ ނަންދިނާރްޑޭން ނަރަންބަޓާރާއި ސެލްމޫން އެލްބެގެޔާރާ ދެކޮޅަށެވެ. ރާއްޖެގެ ޕެއާއިން މެޗު ކާމިޔާބުކުރީ 2-1 ސެޓުންނެވެ.
މިހާތަނަށް ގޭމްސްގެ ގްރޫޕް ބީގައި ކުޅުނު ދެމެޗުންވެސް ދީމާއާއި އަޒްކާގެ ޕެއާއިން ވަނީ މޮޅުވެފައެވެ. އެންމެ ފުރަތަމަ މެޗުގައި ދީމާއާއި އަޝްކާ ވަނީ ހޯސްޓް ބަހްރެއިން ބަލިކޮށްފައެވެ. ގްރޫޕް ބީގައި ހަ ގައުމަކުން ވާދަކުރާ އިރު، އިތުރު އެއް މޮޅާއެކު ރާއްޖޭގެ ޕެއާއަށް ކުއާޓާ ޔަގީންކުރެވޭނެއެވެ.
މެޗުގެ ފުރަތަމަ ސެޓުގައިވެސް ދީމާއާއި އަޒްކާ ފެނުނީ ތަފާތު ކޮށެވެ. ހާއްސަކޮށް ރާއްޖެގެ ޕެއާއިން ރަނގަޅު ސާވިސްތަކެއް ކޮށް، އެ ސެޓު ގެންދިޔައީ 21-17 އިންނެވެ. ދެވަނަ ސެޓުގައިވެސް ރާއްޖޭގެ ޕެއާއިން މޮޅަށް ކުޅެ، ލީޑުގައިވެސް އޮތެވެ. އެ ސެޓު ފަހުވަގުތު ގެއްލުނީ 21-18 އިންނެވެ. ދެވަނަ ސެޓު ގެއްލުނު ނަމަވެސް، ޓައި ބްރޭކް ސެޓުގައި ރާއްޖޭގެ ޕެއާ ފެނުނީ ޔަގީންކަމާއެކު ކުޅުނުތަނެވެ. ރަނގަޅު ރޫހެއްގައި ކުޅެ، ދީމާއާއި އަޒްކާ ފަހު ސެޓު ކާމިޔާބުކުރީ ބޮޑު ތަފާތަކުން 15-3 ގެ ސްކޯއަކުންނެވެ.
ބީޗްވޮލީ އަންހެން ޕެއާއަށް މިރޭ އިތުރު މެޗެއް އޮންނާނެއެވެ. ބައްދަލުކުރާނީ އިންޑޮނޭޝިއާގެ ޕެއާއާ ދެކޮޅަށެވެ. އެމެޗު އޮންނާނީ މިރޭ ރާއްޖެ ގަޑީން 10:00 ގައެވެ. އިންޑޮނޭޝިއާއަކީ ގޭމްސްގައި އެންމެ ވަރުގަދަ އެއް ޓީމެވެ.