ބަޙްރެއިންގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ދިވެހި 3×3 ބާސްކެޓްބޯޅަ ފިރިހެން ޓީމުން ކުޅެން ބޭނުންވި ސިސްޓަމުގެ ތެރެއިން ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ކަމަށް ބާސްކެޓް ޓީމުގެ މެނޭޖަރ ޒަކަރިއްޔާ އަބްދުލް ލަތީފު ބުނެފިއެވެ.
ޓީމުގެ މެނޭޖަރ ޒަކަރިއްޔާ ބުނީ ޒުވާން ޓީމުން މިމުބާރާތުގައި ވާދަކުރީ އޭޝިއާގެ އެންމެ ވަރުގަދަ ޓީމުތަކާކަމަށާއި ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މިމުބާރާތުން ދިވެހި ކުޅުންތެރިންނަށް ލިބިގެންދިޔައީ އަގުނުކުރެވޭނެ ވަރުގެ ތަޖުރިބާއެއް ކަމަށާއި އޮގަނައިޒް 3×3 ބާސްކެޓްބޯޅައިގެ މުހިއްމުކަން ކުޅުންތެރިންނަށް ފާހަގަކުރެވިއްޖެ ކަމަށްވެސް ޒަކަރިއްޔާ ބުންޏެވެ.
ދިވެހި 3×3 ފިރިހެން ޓީމުން މިމުބާރާތުގައި ޖުމްލަ 5 މެޗެއް ވަނީ ކުޅެފައެވެ. މިގޮގުން މިއަދު ދެ މެޗެއް ކުޅެވިގެންދިޔައިރު ފުރަތަމަ މެޗުގައި ދިވެހި ޓީމް ވާދަކުރީ ގަތަރު ޓީމާއެވެ. މިމެޗު ގަތަރުން ކާމިޔާބުކުރީ 21 - 8 ނެވެ. މިމެޗުގައި ދިވެހި ޓީމުގެ އިޔަލް އާއި ލަޔާން ވަނީ ކޮންމެ ކުޅުންތެރިއެއް 3 ޕޮއިންޓް އަޅައިދީފައެވެ.
މިއަދުގެ ދެވަނަ މެޗުގައި ރާއްޖޭގެ ޒުވާން ޓީމު ނިކުތީ ތައިލޭންޑާއި ދެކޮޅަށެވެ. މިމެޗު 21 - 9 ކާމިޔާބުކުރީ ތައިލޭންޑެވެ. މެޗުގައި ދިވެހި ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ކެޕްޓަން ރަފައެލް އަލީމްއެވެ. ރަފައެލް ވަނީ މިމެޗުގައި 4 ޕޮއިންޓް ހޯދައިދީފައެވެ.
މިއީ މުބާރާތުގައި ދިވެހި ފިރިހެން ޓީމު ކުޅުނު ފަހު މެޗެވެ. މެޗުތަކަށް ފަހު ޓީމުގެ އިޔަލް ނަޝީދު ބުނީ މިއީ ޓީމަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށާއި މެޗުތަކުން އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ ފިޓިނަސް އާއި ހަށިގަނޑުގައި ވަރުޖެއްސުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަން ކަމަށެވެ.
ޓީމުގެ މެނޭޖަރު ޒަކަރިއްޔާ ބުނީ ޓީމު މުބާރާތަށް އައީ ރަނގަޅު ޓްރެއިންނިގ ތަކަކަށްފަހު އޮގަނައިޒް ގޭމެއް ކުޅުމުގެ އަމާޒުގައި ކަމަށާއި އެކަން ވަރަށް ރަނގަޅަށް ހާސިލުކުރެވުނު ކަމަށެވެ. ޒަކަރިއްޔާ އިތުރަށް ބުނީ މީގެކުރިން ރާއްޖޭގައި ކުޅެމުންދިޔައީ 3×3 އޯގަނައިޒް ބާސްކެޓްބޯޅައެއް ނޫންކަމަށާއި މިމުބާރާތުން އޮގަނައިޒް 3×3 ބާސްކެޓްބޯޅައިގެ މުހިއްމުކަން އެނގިގެން ހިނގައްޖެ ކަމަށެވެ.