ޚަބަރު

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން ޝަރީޢަތް ނިމެންދެން ބަންދު


  • ދެ މީހެއްގެ މައްޗަށް ސާބިތުވި ދައުވާތައް ވަނީ ބާޠިލްކޮށްފައި

  • މައްސަލަ ވަނީ ކްރިމިނަލް ކޯޓަށް ތަޙްވީލްކޮށްފައި

ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލަ އަލުން ބެލުމަށް ތަޙުވީލު ކުރުމާއި ގުޅިގެން އެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޔާމީން ރަޝީދު މަރާލި މައްސަލައިގައި ހ. އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ. އިރާސްމިކް، އަޙްމަދު ޒިހާންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް 2022 ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފީ މައްސަލަ އެކޯޓުން ބެއްލެވުމަށްފަހު، ހ. އަންނާރުމާގެ އިސްމާޢީލް ހައިޝަމް ރަޝީދުއާއި ހުޅުމާލެ ގޯތި ނަންބަރު 11399 އަޙްމަދު ޒިހާން އިސްމާޢިލްގެ މައްޗަށް ސާބިތުވި ދައުވާތައް ބާޠިލްކޮށް މި މައްސަލަ ކްރިމިނަލް ކޯޓަށް ތަޙްވީލްކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުމާ ގުޅިގެން، ހ. އަންނާރުމާގެ އިސްމާޢީލް ހައިޝަމް ރަޝީދުއާއި، ހުޅުމާލެ ގޯތި ނަންބަރު 11399 އަޙްމަދު ޒިހާން އިސްމާޢިލްގެ ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓަށް ތަޙްވީލްކުރި މައްސަލައިގެ ޝަރީޢަތް ނިމެންދެން އިސްމާޢީލް ހައިޝަމް ރަޝީދުއާއި، އަޙްމަދު ޒިހާން އިސްމާޢިލް ބަންދުކުރަން ވަނީ ނިންމާފައެވެ.

ބްލޮގަރ ޔާމީން ރަޝީދު މަރާލާފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 23 ވަނަ ދުވަހުގެރޭ ދަންވަރު އޭނާ ދިރިއުޅުނު މ.ސްޕެޓިއުލާގޭގެ ސިޑިގޮޅި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.