ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮބާޓޯ ކާލޮސް ކުއްލި ގޮތަކަށް ހިތުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.
ބްރެޒިލްގެ ހޮސްޕިޓަލަކަށް އޭނާ ދިޔައީ ފައިގެ ލޭ ގަނޑުވާތީ އެވެ. ކްލިނިކަކުން އޭނާ ހެދި ޓެސްޓްތަކުން އެ ގޮތަށް ދެއްކުމާއެކު ކާލޮސް އަވަހަށް ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރުން ލަފާދިނީ ވަގުތުން އޮޕަރޭޝަން ކުރުމަށެވެ.
އުމުރުން 52 އަހަރުގެ ކުރީގެ ޑިފެންޑަރު ކުރި އޮޕަރޭޝަން ތިން ގަނޑިއިރަށް ދެމިގެންދިޔަ އެވެ. މިއީ އާއްމުކޮށް 40 މިނިޓުން ނިމޭ އޮޕަރޭޝަނަކަށްވި ނަމަވެސް މި އޮޕަރޭޝަން ދިގުލައިދިޔައީ ކާލޮސްގެ ސިއްހީ ހާލަތުގެ ނާޒުކު ކަމުގެ ސަބަބުންނެވެ.
އޭނާގެ އާއިލާއިން ބުނީ އޮޕަރޭޝަނަށް ފަހު ކުޅުންތެރިޔާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
ރޮބާޓޯ ކާލޮސް އަކީ ރެއާލް މެޑްރިޑުގެ ވެސް ލެޖެންޑެކެވެ. އެ ކުލަބަށް 17 އަހަރު ކުޅެދީ އޭނާ ވަނީ ގިނަ ތަށިތަކެއް ހޯދައިދީފަ އެވެ. އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބްރެޒިލަށް ކާމިޔާބު ކޮށްދިނުމުމުގައި ވެސް އޭނާ އަކީ މުހިންމު ބައިވެރިއެކެވެ. ކާލޮސް އެންމެ ގިނަ ބަޔަކަށް ފާހަގަ ކުރެވިފައިވަނީ މޮޅު ވާތުބެކެއްގެ އިތުރުން ހިލޭ ޖެހުންތަކުން ގޯލު ޖަހާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.