ޚަބަރު

ޖުލައިގެ ކުރިން ހުރިހާ ކޯޓެއްގައި އިންޓަގްރޭޓެޑް ސިސްޓަމްތައް ގާއިމުކުރަނީ


  • ދެ ކޯޓެއްގައި މި ސިސްޓަމްތައް ވަނީ ބޭނުންކުރަން ފަށާފަ

  • އަންނަ މަހު ފެމިލީ ކޯޓުގައި މި ސިސްޓަމް ބޭނުންކުރަން ފަށާނެ

މިއަހަރުގެ ޖުލައި މަހުގެ ކުރިން ހުރިހާ ކޯޓެއްގައި އިންޓަގްރޭޓެޑް ސިސްޓަމްތައް ގާއިމްކޮށް ބޭނުންކުރަން ފަށާނެ ކަމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަލްއުސްތާޒު އަމްޖަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ މިހެން ވިދާޅުވީ، ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ސިސްޓަމް ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެެވެ.

މި ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޒު އަމްޖަދު މުސްތަފާ ވިދާޅުވީ، ރާއްޖޭގެ ކޯޓުތަގައި އިންޓަގްރޭޓެޑް ސިސްޓަމް ބޭނުންކުރަން ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިއަދު ފެނިގެން މިދަނީ އެ މަސައްކަތުގައި ހަގީގީ ކުލަ ޖެހިގެންދާ މަންޒަރު ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި މިފަދަ ސިސްޓަމެއް ކްރިމިނަލް ކޯޓުގައި ގާއިމްކޮށް ބޭނުންކުރަން ފަށާފައިވާކަން ފާހަގަކުރައްވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ފެމިލީ ކޯޓުގައިވެސް މިފަދަ ސިސްޓަމެއް ގާއިމްކުރެވި ބޭނުންކުރަން ފެށިގެންދާނެ ކަމަށެވެ. އަދި މިއަހަރުގެ ޖުލައި މަހުގެ ކުރިން ރާއްޖޭގެ ހުރިހާ ކޯޓެއްގައިވެސް މިފަދަ ސިސްޓަމްތައް ގާއިމްކުރެވިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޝަރުއީ ދާއިރާ ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އައިޓީ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި، މީގެ ތެރޭގައި ސާވާތައް ގާއިމްކުރުން ހިމެނޭ ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.

"މިއަަހަރު އައިޓީ އިންފްރާސްޓްރަކްޗަރތައް ގާއިމްކުރުމަށް ޑީޖޭއޭއިން ވަރަށް ބޮޑު އިސްކަމެއް ދޭނެ. އަޅުގަނޑުމެންނަށް މި ބަލާ ބެލުމުން މުޅި ރާއްޖޭގައި ޝަރުޢީ ކޯޓުތަކުގައި އައިޓީ އިންފްރާސްޓްރަކްޗަރތައް ގާއިމްކޮށްފައިވަނީ އެހާ އެކަށީގެންދާ ގޮތެއްގައެއް ނޫން. އެހެންމިދެވެންނެވެނީ ވަރަށް ގިނަ ކޯޓުތަކުގައި އިންޓަރނެޓް ނުވަތަ ސާވަރތައްްވެސް ކެނޑިގެން ވަރަށް ދަތި އުނދަގީތަކާ ކުރިމަތިލާންޖެހޭތީވެ" ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަލްއުސްތާޒު އަމްޖަދު މުސްތަފާ ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ، ޝަރުއީ ދާއިރާއަށް މިފަދަ ޑިޖިޓަލް އިނޮވޭޝަނެއް އަންނަން ޖެހޭ ކަމަށާއި، މީގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އަވަސްވެ، އެންމެ އެދެވޭ ގޮތެއްގައި ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މި ނިޒާމާއެކު ކޯޓުތަކަށާއި އާންމު ރައްޔިތުންނަށްވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަލްއުސްތާޒު އަމްޖަދު މުސްތަފާ ފާހަގަކުރެއްވިއެވެ.

ސިވިލް ކޯޓުގައި ބޭނުންކުރަން ފެށުނު މި އައު ސިސްޓަމާއެކު އެކޯޓުން ކުރިއަށްގެންދާ އަޑުއެހުންތަކަށް ބޭނުންވާ ކަންކަމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކޯޓުން ގަބޫލުކުރެއެވެ. ސިވިލް ކޯޓުން ހާމަކުރި ގޮތުގައި، އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސަބަބުން ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ހަލުވިވެ، ފަސޭހަވެގެންދާނެއެވެ.