ފީފާގެ ރައީސް ކަމަށް އެފްރިކާގެ ގައުމުތަކުން ދެން ވެސް ތާއީދު ކުރާނީ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ކަމަށް އެފްރިކާގެ ގައުމުތަކުގެ ފުޓްބޯޅަ ޖަމިއްޔާއިން ބުނެފި އެވެ.
ޖުމުލަ 54 ގައުމުގެ ޖަމާއަތުން މިހެން ބުނީ ވޯލްޑް ކަޕުގެ ކުރިން ބާއްވާ ފީފާގެ ކޮންގްރެސްގައި ކެނެޑާގައި ތިބެ ވާހަކަ ދައްކަމުން އެ ޖަމާއަތުގެ ރައީސް ޑރ. ޕެޓްރިސް މޮސްޓެޕޭ އެވެ.
ފީފާގެ ރައީސަކު ހޮވަން ވޯޓުލުން ދެން އެންމެ އަވަހަށް އޮންނާނީ އަންނަ އަހަރު އެވެ. ބޮޑަށް ބެލެވޭ ގޮތުގައި މޮރޮކޯގައި އަންނަ އަހަރު ބާއްވާ ކޮންގްރެންސްގައި ވޯޓު ނަގާނެ އެވެ. އިންފަންޓީނޯ ފީފާގެ ރައީސް ކަމަށް ވަޑައިގަތީ 2016 ވަނަ އަހަރު ސެޕް ބްލެޓާ ކޮރަޕްޝަނުގެ ތުހުމަތުގައި މަގާމުން ވަކިވުމުންނެވެ.
"ކޮންފެޑަރޭޝަން އޮފް އެފްރިކާއިން ވަނީ ބުދަ ދުވަހު ބައްދަލުވުމެއް ކެނެޑާގައި ބާއްވާފައި. މި ބައްދަލުވުމުގައި އަހަރުމެން ވާނީ ހިފެހެއްޓުމެއް ނެތް ތާއީދު ފީފާގެ މިހާރުގެ ރައީސް 2027 އިން 2031 އަށް އިންތިހާބު ކުރަން ދޭން ނިންމާފައި،" އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާއިން ނެރުނު ބަޔާނުގައިވެ އެވެ.
އުމުރުން 56 އަހަރުގެ އިންފަންޓީނޯގެ ޒައާމަތުގައި އެފްރިކާގެ ގައުމުތަކަށް ވަނީ ކުރިއަށްވުރެ ގިނަ ފައިސާ އާއި ޓެކްނިކަލް އެހީތެރިކަން ދީފަ އެވެ. އަދި ވޯލްޑް ކަޕް 48 ގައުމަށް ފުޅާކޮށް އެފްރިކާގެ ގައުމުތަކަށް ލިބޭ ޖާގަތައް ވެސް ވަނީ އިތުރުކޮށްފަ އެވެ. އެފްރިކާގެ ފުޓްބޯޅަ ޖަމާއަތުން އޭނާ އަށް ތާއީދުކުރާ މައިގަނޑު ސަބަބަކީ މިއީ އެވެ.
އެފްރިކާއިން އިންފަންޓީނޯ އަށް ތާއީދު ކުރިއިރު ދެކުނު އެމެރިކާގެ ގައުމުތަކުން ވެސް ތާއީދު ކުރާނެ ކަމަށް ބުނެފައިވަނީ އިންފަންޓީނޯ އަށެވެ. ނަމަވެސް ޔޫރަޕާއި އޭޝިޔާގެ ގައުމުތަކުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.