ޚަބަރު

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި


  • ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އެކުވެރިކަން ފާހަގަކުރެއްވި

  • ރާއްޖެއިން ސިންގަޕޫރާއެކު ޚާރިޖީ ގުޅުން ޤާއިމްކުރީ 1975 ވަނަ އަހަރު

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ސިންގަޕޫރުގެ ޤައުމީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމިޑިއާގައި ކުރެއްވި ޕޯސްޓުގައިވަނީ،
ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށާއި އެޤައުމުގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ރާއްޖެއާއި ސިންގަޕޫރާ ދެޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ރަޙުމަތްތެރި ގުޅުމަކީ، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ އިތުބާރާއި އިޙްތިރާމާއި، ސަރަޙައްދުގެ ސުލްހަ މަސަލަސްކަމާއި ކުރިއެރުމަށް އުއްމީދު ކުރާ އެކުވެރި ގުޅުމެއް ކަމުގައި ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސިންގަޕޫރުގެ ތަރައްޤީއަށާއި، އެއްބައިވަންތަކަމާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.


ސިންގަޕޫރާއި ރާއްޖޭއާއި ދެމެދު ގާތް ގުޅުމެއް އުފެދިފައިވާއިރު މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދައުވަތަކަށް ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަތީ ފަންތީގެ ގިނަ މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން މުހިންމު 3 ދާއިރާއަކުން ވަނީ އެއްބަސްވުންތައް އެކުލަވާލާފައެވެ. މި އެއްބަސްވުންތައް އެކުލަވާލީ ޤާބިލުކަން އިތުރުކުރުމާއި ތަޢުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާއިންނެވެ. މީގެ އިތުރުން އެޤައުމުގައި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ފޯރަމްގައި ރާއްޖެއާއި ސިންގަޕޫރުގެ 200 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވިއެވެ. މި ފޯރަމްގައި ރާއްޖޭގައި ހުރި އިންވެސްޓްކުރުމުގެ ފުރުޞަތުތަކުގެ މަޢުލޫމާތުތައް ވިޔަފާރިވެރިންނަށް ވަނީ ކިޔައިދީފައެވެ.

ސިންގަޕޫރުގެ ޤައުމީ ދުވަސް ފާހަގަކުރަނީ އެ ޤައުމު މެލޭޝިއާއިން ވަކިވެ، މިނިވަން ޤައުމަކަށްވި ދުވަހުއެވެ. ސިންގަޕޫރާއި ދިވެހިރާއްޖެ ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރު ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.