ތިމާވެށި

މާލޭގައި ބެހެއްޓި އާރ.އޯ ޕްލާންޓްގެ ޚިދުމަތް އަންނަމަހު ފަށަނީ


މާލޭގެ ގެތަކަށް ދެމުންގެންދާ ފެނުގެ ކެޕޭސިޓީ އިތުރުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން އަލަށް ބެހެއްޓި އާރ.އޯ ޕްލާންޓްގެ ޚިދުމަތް އަންނަ މަހު ފެށުމަށް އެކުންފުނިން ނިންމައިފިއެވެ.

ދުވާލަކު 5000 ކިއުބިކް މީޓަރުގެ ފެން އުފައްދާ ދެ އާރ.އޯ ޕްލާންޓް މާލޭގައި ބެހެއްޓުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ދަނީ ކުރަމުންނެވެ. މީގެ ތެރެއިން ބޮޑުތަކުރުފާނު މަގުގައި ހުންނަ ފިއުލް ސަޕްލައިގެ ހުޅަނގަށް އޮތް އެމް ޑަބްލިޔު އެސް.ސީގެ ބިމުގައި ބެހެއްޓި ޕްލާންޓްގެ %98 މަސައްކަތް ނިމިފައިވާކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން ދެވަނަ ޕްލާންޓް ބެހެއްޓުމަށް ނިންމާފައިވަނީ ހަވީރީ ހިނގުމުގައި އޮންނަ އެމް.ޑަބްލިޔު.އެސް.ސީގެ ބިމުގައެވެ. މި ޕްލާންޓްގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ މާލޭގައި ދިރުއުޅޭ ރައްޔިތުންނަށް ރައްކާތެރިކަމާއެކު މެދު ނުކެނޑި ފެނުގެ ޚިދުމަތް ފޯރުކޮށްދެއްވުމުގެ ގޮތުން އެކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.