ކުޅިވަރު

އަމާޒަކީ ވަރލްޑް ރޭންކިންގައި ކުރިއަށް ޖެހިލުން - ދިލް


އަމާޒަކީ ވޯލްޑް ރޭންކިންގައި މިހާރު ރާއްޖެ އޮތް ހިސާބަށްވުރެ ކުރިއަށް ޖެހިލުންކަމަށް އޭޝިޔަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝީޕްގައި ވާދަކުރާ ދިވެހިރާއްޖެ 21 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗު އައިމިނަތު ހަލީމް ބުނެފިއެވެ.

އަންނަ ހޮނިހިރު ދުވަހު ދެކުނު ކޮރެޔާގައި ފަށާ އޭޝިޔަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ދެކުނު ކޮރެއާއަށް ޓީމް ވަނީ މިރޭ ފުރާފައެވެ.

ކޮރެއާއަށް ފުރުމުގެ ކުރިން ޕީ.އެސް.އެމް ސްޕޯރޓްސްއަށް މައުލޫމާތު ދެމުން ރާއްޖޭގެ އެކާވީސް އަހަރުން ދަށުގެ ކޯޗު އައިމިނަތު ހަލީމް (ދިލް) ބުނީ މިމުބާރާތަށް ތައްޔާރުވާން ލިބުނު ވަގުތާ ބަލާއިރު ހިތްހަމަ ޖެހޭކަމަށާއި ރަނގަޅު ޓީމެއް އެކުލަވާލެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ޖޫނިއަރ ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ޓީމެއް ކަމުން މިލެވަލްގައި ކުޅުމުގެ ތަޖުރިބާ ޓީމުގައި މަދުކަން ދިލް ވަނީ ފާހަގަކޮށްފައެވެ.

" ތައްޔާރުވުންތައް ރަނގަޅު، ނަމަވެސް މިލެވެލްގައި ތަޖުރިބާ މަދުވުން މައްސަލައަކީ. ރޭންކިންގ ކުރިއަށް ގެންދަން މަސައްކަތްކުރާނަން " ނެޓްބޯޅައާއި ބާސްކެޓްގައިވެސް ފާހަގަކުރެވުނު ދިލް ބުންޏެވެ.

އޭޝިޔަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ލައްވާލީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ސްރީލަންކާ، ހޮންކޮންގ ތައިލެންޑްގެ އިތުރުން ޕާކިސްތާނެވެ.

ދިހަ ޓީމް ވާދަކުރާ މުބާރާތުގެ ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ މެލޭޝިޔާ، ސިންގަޕޫރު، ޗައިނީސް ޓައިޕޭ، އިންޑިޔާ އަދި ދެކުނު ކޮރެޔާއެވެ.

ގްރޫޕްގެ ފުރަތަމަ މެޗުގައި މެއި 6 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ޕާކިސްތާނާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ތައިލެންޑާއި ވާދަކުރާއިރު، ތިންވަނަ މެޗުގައި ނިކުންނާނީ ހޮންކޮންގއާއި ދެކޮޅަށެވެ. ގްރޫޕްގެ ފަހު މެޗުގައި ދިވެހި ޓީމް މެއި ދިހަވަނަ ދުވަހު ނިކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ.

ދިވެހި ޓީމްގެ ކެޕްޓަނަކީ ހަމްނާ އަބްދުއްރަހުމާނެވެ. އަދި ޓީމްގެ ވައިސް ކެޕްޓަނަކީ ހަނާން ހުސައިންއެވެ.