ކުޅިވަރު

40 އަހަރުގެ ޓޮޓީ މިސީޒަން ނިމުމުން ކުޅުން ހުއްޓާލަނީ


 40 އަހަރުގެ ފޯވާޑް ފްރެންސިސްކޯ ޓޮޓީ މިސީޒަން ނިމުމުން ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް، އޭނާ ކުޅެމުން އަންނަ ކްލަބް ރޯމާގެ ސްޕޯޓިންގ ޑައިރެކްޓަރ މޮންޗީ ބުނެފިއެވެ.

މޮންޗީ ބުނީ ޓޮޓީ ރޯމާ އާއި އެކު ހަދާފައިވާ އެގްރީމަންޓް ބުނާ ގޮތުން އޭނާ މިސީޒަން ނިމުމުން ކުޅުން ހުއްޓާލުމަށްފަހު ކްލަބްގެ ޑައިރެކްޓަރެއްގެ މަޤާމުގައި ކްލަބަށް ޚިދުމަތް ކޮށްދޭން ފަށާނެ ކަމަށެވެ.

މިދިޔަ މަހު ރޯމާގެ ސްޕޯޓިންގ ޑައިރެކްޓަރ ކަމުގައި މަގާމާއި ހަވާލުވި ސްޕެއިންގެ މޮންޗީ އިތުރަށް ބުނީ ޓޮޓީ އަކި ރޯމާ ކަމަށާއި، އޭނާއަށް ކްލަބްގެ ކަންތައްތައް އެންމެ ގާތުން ކިޔައިދޭން އިނގޭނެ މީހަކީ ޓޮޓީކަމަށެވެ. އެހެންކަމުން ޓޮޓީއަކީ މޮންޗީއަށާއި ކްލަބަށްވެސް މުހިއްމު މީހެއް ކަމުގައި މޮންޗީ ފާހަގަކުރިއެވެ.

ޓޮޓީ އެންމެ ފުރަތަމަ ރޯމާ އާއި ގުޅުނީ އުމުރުން 13 އަހަރުގައެވެ. މުޅި ފުޓްބޯޅަ ހަޔާތް ރޯމާގައި ހޭދަ ކުރި ޓޮޓީ ވަނީ ދެހާސް އެއް ވަނަ އަހަރު އިޓަލީ ސެރީއޭ ރޯމާ އާއި އެކު ކްލަބްގެ ކެޕްޓަންގެ މަޤާމްގައި ހުރެ އުފުލާލާފައެވެ. މީގެއިތުރުން ކޮޕާ އިޓަލީ ދެ ފަހަރު ކާމިޔާބުކުރި އިރު ޓޮޓީ އަކީ ރޯމާގެ ތާރީޚިގައިވެސް އެކްލަބަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިއާއެވެ.

 ރޯމާއަށް ޓޮޓީ ކުޅެދިން 783 މެޗުގައި އޭނާ ވަނީ ކްލަބަށް 307 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިސީޒަންގައި މިހާތަނަށް ޓޮޓީ ވަނީ 25 މެޗު ރޯމާއަށް ކުޅެދީފައެވެ.

އެހެންނަމަވެސް މީގެތެރޭގައި ގިނައީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މެޗުތަކެވެ. މިދިޔަސީޒަނުގައި މިހާތަނަށް އިޓަލީ ލީގުގައި ރޯމާގެ ފުރަތަމަ އެގާރައިން ޖާގަ ހޯދައިގެން ޓޮޓީ ކުޅެފައިވަނީ އެންމެ ތިން މެޗެވެ.