ރާއްޖޭގައި އަނގައިގެ ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ މިބަލި ޖެހުމަށް މެދުވެރިވާ ސީދާ ސަބަބު ދެނެގަތުމަށް ސާރވޭ ކުރަންފަށައިފިއެވެ. ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވިއަން ޑެންޓަލް އެސޯސިއޭޝަނާއި އެސްޓީއޯ ގުޅިގެން ކުރިއަށް ގެންދާ 'ބީޓް އޯރަލް ކެންސަރ' ކެމްޕެއިންގައި ހިމަނައިގެން ކުރިއަށް ގެންދާ މިސަރވޭ މިއަހަރުގެ އެޕްރިލް މަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިއަށްގެންދާ މި ދިރާސާ ބޮޑަށް އަމާޒުކޮށްފައިވަނީ މާލޭ ސަރަޙައްދަށެވެ. އަދި އެއީ ދިރާސާއިން މައިގަނޑު ނާތީޖާއެއް ލިބޭނެކަމަށް އުންމީދު ކުރެވެނީ މާލެ ސަރަހައްދަށް އާމާޒުކޮށްގެން ކަމަށް ޤަބޫލްކުރެވޭތީކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން 'ބީޓް އޯރަލް ކެންސަރ' ކެމްޕެއިންގެ ދަށުން މާލޭގެ 11 ޑެންޓަލް ކްލިނިކެއް އަދި ދެ ހޮސްޕިޓަލެއްގަ އަނގައިގެ ކެންސަރަށް ސްކްރީން ކުރެވޭ ގޮތަށް ހަމަޖައްސާފައިވާކަމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުނެއެވެ. އަދި އަދި ދަތުގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކާނަމަ ސްކްރީން ކުރުން ހިލޭ ކުރެވޭ ގޮތަށްވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ކެންސަރ ސޮސައިޓީން އަތޮޅުތަކުގައި ކުރިއަށްގެންދާ ކެންސަރ ސްކްރީނިންގ ޕްރޮގްރާމް ތަކުގައިވެސް މިކަން ކުރިއަށް ދާނެކަމަށް މަޢުލޫމާތުލިބެއެވެ.
ކެންސަރު ޖެހުމުގެ އަލާމާތްތައް ހުރި ވަރަށް ގިނަ މީހުން ފެންނަކަން ދަތުގެ ޚާއްޞަ ޑޮކްޓަރ، ޑރ. އަޙްމަދު ސަލީމް ފާހަގަކުރެއްވިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ކެންސަރުގެ ދިރާސާތައްކުރާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުން ދުފުމާއި ފެންފޯކުގެ ބާވަތްތައް ބޭނުންކުރުމަކީ އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެކެވެ.