ކުޅިވަރު

ދެ ކުޅުންތެރިންގެ ރެކޯޑާއެކު ބަޔާން މޮޅުވެއްޖެ


ޖަރުމަން ބުންޑަސްލީގާގައި ރޭ ބަޔާން ކުޅުނު މެޗު ކާމިޔާބުކޮށް ޓީމުގެ ދެ ފޯވާޑުން އާ ރެކޯޑްތަކެއް ހަދައިފިއެވެ.

ބަޔާން މިޔުނިކާއި ވާޑަރ ބްރެމަން ބައްދަލުކުރި މެޗު ބަޔާން ކާމިޔާބުކުރީ ހަތަރެއް ދޭކުންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ވާޑަރ ބްރެމަންއެވެ.

މިލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖެރޯމް ގޮންޑޯފްއެވެ.

އެހެންނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާންގެ ފޯވާޑް ތޯމަސް މުލާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއީ މުލާ ޖަރުމަން ލީގުގައި ޖެހި 99 ވަނަ ލަނޑެވެ.

އެއަށްފަހު މެޗުގައި ބަޔާންއަށް ލީޑް ހޯދައިދި ދިނީ ދެވަނަ ހާފްގައި ރޮބާޓް ލެވަންޑޮއުސްކީގެ ލަނޑުންނެވެ.

އެހެންނަމަވެސް އޭގެ ދިހަ މިނެޓު ފަހުން ބަޔާންގެ ޑިފެންޑަރު ނިކްލަން ސޫލޭ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު މެޗުގެ ނަތީޖާ ހަމަ ހަމަވިއެވެ.

މެޗުގައި ދެވަނަ ފަހަރަށްވެސް ބަޔާންއަށް ލީޑް ހޯދާދައިދިނީ އެޓީމުގެ ޕޮލެންޑް ފޯވާޑް ލެވަންޑޮއުސްކީއެވެ. މިއީ މިފަހަރުގެ ލީގުގައި ލެވަންޑޮއުސްކީ ކާމިޔާބުކުރި 17 ވަނަ ލަނޑެވެ. އަދި ލަނޑާއެކު ލެވަންޑޮއުސްކީ ވެފައިވަނީ ބަޔާން މިޔުނިކަށް ކުޅެދިން ޖަރުމަނަށް ނިސްބަތް ނުވާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއާއަށެވެ. ލެވަންޑޮއުސްކީ ވަނީ ޖުމްލަ ނުވަދިހަ ހަތަރު ލަނޑު ބަޔާންއަށް ކާމިޔާބުކޮށްދީފައެވެ. ކުރިން މިރިކޯޑް އޮންނަނީ އަރިއަން ރޮބެން އަތުގައެވެ.