ކުޅިވަރު

ޗެލްސީ ބަލިކޮށް، މެންޔޫ އަލުން ދެވަނައަށް!


ފަހަތުން އަރާ ކުރީގެ ކްލަބް ޗެލްސީގެ މައްޗަށް ކުރި ހޯދާ ހޯސޭ މޮރީނިއޯގެ މެންޗެސްޓަރ ޔުނައިޓެޑް އަލުން ލީގުގެ ދެވަނައަށް ޖެހިލައިފިއެވެ.

މެޗު ފެށިއިރު ލީގުގެ ތިން ވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑް ޗެލްސީގެ މައްޗަށް ކުރި ހޯދީ ދޭއް އެކަކުންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޗެލްސީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފިލްޑަރ ވިލިއަންއެވެ. މެޗަށް ފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ވަނީ ވިލިއަންގެ ކުޅުން ފާހަގަކޮށް އޭނާއަށް ތައުރީފް ކޮށްފައެވެ. މޮރީނިއޯ ބުނީ ވިލިއަން އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ވޯލްޑް ކަޕްގައި ވިލިއަން ބްރެޒިލް ޓީމާއެކު ރަނގަޅު ކާމިޔާބީއެއް ހޯދާނެ ކަމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ރޭގެ މެޗުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ކުރިން ޗެލްސީއަށް ކުޅުނު ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫއެވެ. މެންޗެސްޓަރ މެޗުން މޮޅުކޮށްދީ ތިން ޕޮއިންޓް ހޯދައިދިން ލަނޑުގައިވެސް ލުކާކޫ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ލުކާކޫ ކައިރީގައި ހުރި ދެ ކުޅުންތެރިން ކައިރިން ނައްޓާލުމައްފަހު ނަގައިދިން ހުރަސް ގޯލުގެ ތެރެއަށް ފޮނުވާލީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނިކުތް ލިންގާޑެވެ.

މެޗަށްފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ އިނގިރޭސި ފުޓްބޯޅައިގެ ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ބޭނުން ވީހާވެސް ގިނައިން ހިފުމަށް ގޮވާލާފައެވެ. ކޮންޓޭ މިކަމަށް ގޮވާލީ ރޭގެ މެޗުގައި ޗެލްސީގެ ފޯވާޑް އަލްވާރޯ މޮރާޓާ ޖެހި ލަނޑު އޮފްސައިޑް ލަނޑެއްގެ ގޮތުގައި ދެއްކުމުންނެވެ.

މިމެޗުން ބަލިވުމުން ޗެލްސީ ވަނީ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑަށް ވުރެ ހަ ޕޮއިންޓް ފަހަތަށް ވެއްޓިފައެވެ.