އެކާވީސް ދުވަސްވަންދެން ގިރިފުށީގައި ބަންދުކޮށްފައި ބެހެއްޓި، ބެހެއްޓުމުގެ ޒިންމާ އޭރުގެ ރައީސް މުހައްމަދު ނަޝީދް ނަންގަވަންޖެހި ވަޑައިގަންނަވާކަމަށް ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރަކުރި މައްސަލާގައި ދައުލަތުން ނަޝީދްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިރޭގެ އަޑުއެހުމަށް އިސްގާޒީ ހާޒިރްކޮށް ހެކިބަސް ނަގާފައިވެއެވެ.ނަޝީދްގެ ކުރިމައްޗަށް ވާ ގޮތަށް ދެތިން ފޫޓް ދުރުގައި ހުރި ވިޓްނަސް ބޮކްސްގައި ހުންނަވާ ހެކިބަސް ދެއްވަމުން އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ދެހާސް ބާރަވަނަ އަހަރުގެ ޖެނުއަރީ މަހުގެ ސޯޅަވަނަ ދުވަހުގެ ރޭ ސިފައިންނާއި ފުލުހުން އަޅާކަހަލަ ޔުނީފޯރމް އަޅައިގެންތިބި ބަޔަކު ހުއްދަނެތި ގެޔަށް ވަދެ އެމަނިކުފާނު ހައްޔަރުކޮށްގެން ގެންދިޔައީ އަތުގައި ހިފާ ދަމާފައިކަމަށް. އަދި ގެންދިޔައީ ކޮންތާކަށްކަން އެގިވަޑާއިނުގަންވާކަމަށާއި ހައްޔަރަކުރުމަށް އައި މީހުން ތިބީ މޫނު ނިވާކޮށްގެންކަމަށްވެސް އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިޔަކީ ފަހާމަތުއް ރައީސްކަމުން އެކަމުގެ ޒިންމާ އެމަނިކުފާނު ނަންގަވަންޖެހިވަޑައިގަންވާކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.ބަންދުކުރި ހިސާބުން ގާނޫނޫ އަސާސީން ލިބިދީފައިވާ ހުރިހާ ހައްގެއް ގެއްލިގެންދިޔަކަމަށާއި މިއަދާއި ހަމައަށްވެސް އެއަށް އިންސާފު ލިބިފައިނުވާއިރު ބަންދުކުރި ސަބަބު އަދިވެސް ބުނެދީފައިނުވާކަމަށްވެސް އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.ބަންދުކުރެއްވީ ނަޝީދް ވިދާޅުވެގެންކަމަށް އެއްވެސް ފަރާތަކުން ބުނިތޯ ބެންޗުން ސުވާލްކުރުމުން އެއަށް ޖަވާބްދާރީވަމުން އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ހައްޔަރަކުރީ ނަޝީދް ވިދާޅުވެގެންކަމަށް ސީދާ އެ އިބާރާތުން އެއްވެސް މީހަކު ބުނެފައިނުވާކަމަށެވެ. އެހެންނަމަވެސް ބަންދުގައި ހުއްޓާ ބައްދަލްކުރައްވަން ވަޑައިގެންނެވި ދައުލަތުގެ ވަޒީރުންގެ ވާހަތަކުން އެކަން ދޭހަވިކަމަށް އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ. މިގޮތުން ބަންދުގައި ހުންނަވަނިކޮށް އޭރުގެ ޑިފެންސް މިނިސްޓާރ ތޮލްހަތު އިބްރާހިމްއާއި ޔޫތް މިނިސްޓާރ ހަސަން ލަތީފްގެ އިތުރުން ރައީސް ނަޝީދްގެ އެންވޯއީ އިބްރާހިމް ހުސެއިން ޒަކީ ބައްދަލްކުރެއްވިކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ. އަދި މި ބައްދަލްވުންތަކުގައި އެއިން އެއްވެސް ބޭފުޅަކަށް ކަމެއް ނިންމިފައި ނުވާއިރު މުޅިހެންވެސް އެ ބޭފުޅުން ވިދާޅުވަމުން އައީ މާލެއަށް ގުޅާލާނަމޭ، ދަންނަވާލަނަމޭ، ރައީސް ވިދާޅުވި ގޮތޭ މިފަދަ އިބާރާތްތައްކަމަށެވެ.ހެކިބަސްދެމުން އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ބަންދުން ދޫކޮށްލެވޭނީ މަގާމުން އިސްތިއުފާދިނުން، ރާއްޖެއިން ބޭރަށް ދިޔުން ނުވަތަ އަމިއްލަ ރަށަށް ދިރިއުޅުން ބަދަލްކުރުން ކަމަށް ބުނެ ޝަރުތުތައް ހުށައެޅުއްވިކަމަށެވެ.ހެކިބަހަށް ފަހު އިސްގާޒީ ކޯޓްރޫމުން ނުކުތުމަށް ހިގައިގަތުމުން ގާޒީ އަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ނަޝީދް ކޮޅަށް ތެދުވެޑައިގަންނަވަން މަސައްކަތްކުރެއްވިއެވެ. އަދި ހިނިތުންވެވަޑައިގެން ހުންނަވާ އަބްދުﷲ މުހައްމަދަށް ނިތްކުރިން އިޝާރާތްކުރައްވާފައިވާއިރު އިސްގާޒީ އަބްދުﷲ މުހައްމަދުވެސް ނަޝީދާއި ދިމާލަށް ނިތްއަރުވާލާ ހިނިތުންވެލާފައިވެއެވެ.މިރޭގެ އަޑުއެހުމުގައިވެސް ނަޝީދް ވީދާޅުވަމުން ގެންދެވީ ކުރިޔަށް ދާން ބޭނުންވަނީ ގާނޫނީ ވަކީލަކާއި އެކުކަމަށާއި އެކަމަށް ދިހަ ދުވަހުގެ ފުރުސަތަކަށް އެދިވަޑައިގަންނަވާކަމަށް. އަނެއްކޮޅުން މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ ވަކީލަކު އައްޔަންކުރުގެ ފުރުސަތު އަބަދުވެސް ހުޅުވިފައިވާކަމަށެވެ.މި މައްސަލާގައި މިރޭ ބޭއްވި އަޑުއެހުން ނިންމާލީ ދެން އޮންނާނީ އެ މައްސަލައިގެ ފަހު އަޑުއެހުންކަން ރިޔާސަތުން އިއުލާންކުރެއްވުމަށްފަހުއެވެ. އަދި އަންނަ ހުކުރު ދުވަހުގެރޭ ބާއްވާ މި އަޑުއެހުމުގައި އޮންނާނީ ދެފަރާތުން ހުލާސާ ބަޔާން ހުށައެޅުންކަމަށްވެސް މައްސަލަ ބައްލަވާ ބެންޗުން އިއުލާންކޮށްފައިވެއެވެ.