ވިޔަފާރި

ޙަމަލާތަކަށްފަހު ލަންކާގެ ޓުއަރިޒަމް ދަނީ ހަމައަކަށް އެޅެމުން


އޭޕްރީލްމަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ޙަމަލާތަކަށްފަހު އެޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތް ލަފާކުރި މިންވަރަށްވުރެ ބާރަށް ކުރިއަރަމުން އަންނަކަމަށް އެޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

މިދިޔަ އޭޕްރީލްމަހުގެ 21 ވަނަ ދުވަހު ޓުއަރިސްޓް ބައެއް ހޮޓާތައް ހިމެނޭގޮތަށް އެޤައުމުގެ އެކި ތަންތަނަށް ދިން ޙަމަލާތަކާ ގުޅިގެން ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ބުކިންގތައް ކެންސަލްކޮށްފައެވެ.

ސްރީލަންކާގެ މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވީ ހަމާލާތަކަށްފަހު ފަތުރުވެރިކަމުގެ ސިނާޢަތް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތް ކާމިޔާބުކަމަށެވެ. އެގޮތުން އެޤައުމުގެ ރައްޔިތުންވެސް ހޮޓާތަކާއި ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރަމުންދާއިރު، ޔޫރަޕްގެ ފަތުރުވެރިންވެސް ޗުއްޓީއަށް އަންނަން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ލަންކާ ސަރުކާރުން ކުރިން ލަފާކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށް 30 އިންސައްތައިގެ ގެއްލުމެއް ނުވަތަ 1.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވާނޭކަމަށެވެ. ނަމަވެސް މިހާރު އެއަދަދު އުޅެނީ ބިލިއަނެއްހާ ޑޮލަރަށްވުރެވެސް ދަށުގައިކަމަށް ލަންކާގެ މާލީ ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތް އަލުން ކޮޅަށް ޖެހުމަށް ލަންކާއިން ކުރާ މަސައްކަތްތަކުގެ ތެރޭގައި އަގުހެޔޮ ޕެކޭޖްތައް ތަޢާރަފްކުރުމާއި، ގެއްލުން ލިބުނު ވިޔަފާރިތަކަށް އިންޓްރެސްޓް ކުޑަ ލޯނު ދޫކުރުން ހިމެނެއެވެ. އެފަދަ ލޯނު ދޫކުރުމަށް ލަންކާ ސަރުކާރުން ވަނީ ސަތޭކަ މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ކަނޑައަޅާފައެވެ.

މިދިޔަ ފަސް އަހަރަކީ ލަންކާގެ އިޤްތިޞާދީ ދުވެލި ދަށްކޮށް ދިޔަ ފަސް އަހަރަށްވާއިރު، ޤައުމުގެ ކަންކަން ހަމައަކަށް އެޅުވިއްޖެނަމަ މިއަހަރު އެޤައުމުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަތުވެދާނެކަމަށް ލަންކާގެ މާލީ ވަޒީރު ވިދާޅުވިއެވެ.