ކުޅިވަރު

އެންމެ ވަރުގަދަކޮށް ފެންނަނީ ދިވެހި ޓީމު - ނަބީހާ


ހުރިހާ ޓީމެއްގެ ކުޅުންވެސް ބަލާލެވިއްޖެކަމަށާއި، ބަލާ ބެލުމަށް އެންމެ ރަނގަޅީ ދިވެހި ޓީމް ކަމަށް ޤައުމީ ބެޑްމިންޓަން ޓީމުގެ އައިމިނަތު ނަބީހާ އަބްދުލް ރައްޒާގު ބުނެފިއެވެ.

ނަބީހާ ބުނީ ހުރިހާ ޓީމެއް އެއްކޮށް ފަރިތަކުރުމުން ހުރިހާ ޓީމެއްގެ ކުޅުން މިހާރު ފެނިއްޖެކަމަށެވެ. އަދި ވަކި ޖެހިލުންވާވަރުގެ ޓީމެއް ނެތްކަމަށެވެ.

މޮރީޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބެޑްމިންޓަން ޓީމު ކުޅެންޖެހޭ ޓީމުތައް މިއަދު ވަނީ ޔަގީން ވެފައެވެ. މިއަދު އޮތް މެނޭޖަރސް މީޓިންގައި ގުރުއަތުން ދިވެހި ޓީމަށް ދިމާވެފައިވަނީވެސް އެންމެ ބޭނުންވި ގޮތަށް ކަމަށްވެސް ނަބީހާ ބުންޏެވެ

އެންމެ ފުރަތަމަ މެޗުގައި މާދަމާ ހެނދުނު ދިވެހި ޓީމް ބައްދަލުކުރާނީ ރިޔޫނިއަންއާއެވެ. އަދި މާދަމާ މެންދުރު ފަހު ކުޅޭ މެޗުގައި ދިވެހި ޓީމް ނިކުންނާނީ މޮރިޝަސް އާއި ދެކޮޅަށެވެ.

ބެޑްމިންޓަން ޓީމުގެ ޓެކްނިކަލް ހެޑް އިޝްފާން މުހައްމަދު ބުނީ މިމުބާރާތަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދޭނެކަމުގެ އުއްމީދު ބޮޑުމަށެވެ. މިމުބާރާތުގެ އެކޮމޮޑޭޝަންގެ ކަންތައްތައް ހުރީ ވަރަށް ފުރިހަމައަށް ކަމަށާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ދިވެހި ސަރުކާރުން ޓީމުތަކަށް ދެއްވަމުންދާ އެއްބާރުލުން ފާހަގަކުރާ ކަމަށެވެ.