ޚަބަރު

މާލެއާއި ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޢަމަލީ މަސައްކަތް މިއަހަރުގެތެރޭ ފެށޭނެ - ރައީސް


މާލެއާއި ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޢަމަލީ މަސައްކަތް މިއަހަރުގެތެރޭ ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެ-ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޑިޒައިނާއި ސާވޭގެ މަސައްކަތް މިހާރު ފަށާފައިވަކަމަށެވެ.

ބްރިޖާއި ކޯޒްވޭތައް ހިމެނޭހެން މާލެއިން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ ދިގުމިން 6.7 ކިލޯ މީޓަރަށް އަރާނެކަމަށާއި ބްރިޖްގެ ފަޅިއެއްގައި މަދުވެގެން 2 ލޭން އޮންނާނެ ކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން މާލޭ ސަރަހައްދު ގުޅާލާ ބްރިޖް މަޝްރޫޢުގެ ދަށުން މާލެ އާއި ތިލަފުށި ގުޅުވައިދޭ ބްރިޖްގެ އިތުރުން ގުޅީފަޅު ބްރިޖާއި ގުޅުވާލާނީ ގުޅީފަޅުން ހިއްކާ ބިމުގައި ހަދާ މަގަކުންނެވެ. މި ބްރިޖް ހަދާނީ މާލެއާއި ވިލިނގިއްޔާ ދެމެދު ކަނޑުއޮޅިން ދޯނިތަކަށް ދަތުރުކުރެވޭ ގޮތަށެވެ. އަދި ވިލިނގިއްޔާ ގުޅީފަޅު އަދި، ގުޅީފަޅާއި ތިލަފުއްޓާއި ދެމެދުންވެސް ކުދި އުޅަނދުތަކަށް ދަތުރުކުރެވޭނެ ގޮތަށެވެ.

ސަރުކާރުން ލަފާކޮށްފައިވަނީ ބްރިޖްގެ މަސައްކަތަށް 450 އާއި 600 މިލިއަނާއި ދެމެދު ރުފިޔާ ޚަރަދުވާނެކަމަށެވެ. ނަމަވެސް ފައިނަލް އަގު އިނގޭނީ ޑީޓެއިލް ކުރެހުންތައް ނިމުމުންކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ސަރުކާރުންވަނީ މިއަހަރުގެ ބަޖެޓުގައިވެސް ބްރިޖް މަޝްރޫޢަށް 411 މިލިއަން ރުފިޔާ ހިމަނާފައެވެ. އަދި މި މަސައްކަތަށް ބޭނުންވާ ބިން ގުޅީފަޅުން ހިއްކުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ޕްލޭނިން މިނިސްޓްރީންވަނީ ޕްރޮޖެކްޓްގެ ފައިނަލް ޑީޓެއިލް ޑިޒައިންތައް ހެދުމަށް ހޮންގްކޮންގްގެ އަރޫޕް ލިމިޓެޑާއި ހަވާލުކުރުމަށް، އެކަމާއި ގުޅޭ ލިޔުންތައް ހުށައަޅާފައެވެ.

މާލެއާއި ވިލިނގިއްޔާއި ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖަކީ އިންޑަސްޓްރިއަލް މަސައްކަތްތަކަށް މަގުފަހިކުރުމުގެ އަމާޒުގައި ހަދާ ބްރިޖެކެވެ. އަދި މިއީ ވިލިނގިލީގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއާއި ދެމެދު ދަތުރު ކުރުމުގެ ލުއިފަސޭހަކަން ހޯދާދިނުމަށް ހިންގާ މަޝްރޫޢުއެކެވެ.