ކޯވިޑް-19

ކޯވިޑް-19 : ފިޔަވަޅުތައް ލުއިކޮށް ނުނަގާ، އެންމެ މީހެއްގެ އަމަލަކުންވެސް މުޅި ޤައުމު ނުރައްކަލަށް ހުށަހެޅިދާނެ - މަބްރޫކް


ކޯވިޑް-19ށް ރާއްޖެއިން ޕޮޒިޓިވް ވި ތިން މީހަކު އެބަލިން ރަނގަޅުވި ނަމަވެސް މިބަލި ފެތުރުން ހުއްޓުވުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތައް ލުއިކޮށް ނުނެގުމަށާއި، މިބައްޔަށް ޕޮސިޓިވްވެފައިވާ ނުވަތަ އަލާމާތްތައް ހުރި އެންމެ މީހެއްގެ އަމަލުތައް ހުންނަގޮތުންވެސް މުޅި ޤައުމު ނުރައްކަލަށް ހުށަހެޅިދާނެކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯވިޑް-19ގެ ކަންކަމާބެހޭ މަޢުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ، މިކަމުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް ކަމާބެހޭ އިދާރާތަކުން ކުރައްވާ މަސައްކަތްތަކާ އެއްވަރަށް އާއްމުންގެ އެހީތެރިކަމާ އެއްބާރުލުންވެސް ބޭނުންވާ ކަމަށެވެ. އަދި މިކަމާގުޅިގެން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ފުރިހަމައަށް އިޙްތިރާމްކުރުމަށް މަބްރޫކް ގޮވާލެއްވިއެވެ.

މަބްރޫކް ވިދާޅުވީ، ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ މި ދަނޑިވަޅުގައި، މި ބަލީގެ ނުރައްކާ އެއްވެސް މީހަކު ހަނދާން ނައްތާލައިގެން ނުވާނެކަމަށެވެ. އަދި ރާއްޖެއަށްވުރެ މާ ބޮޑެތި، ތަނަވަސް ޤައުމުތަކުގައިވެސް މިކަމުން އަރައިނުގަނެވިގެން އުޅޭއިރު، ރާއްޖޭގައި މި ބަލި ކޮންޓްރޯލްކުރެވިފައިވާކަމަށް ދެކިގެން، އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްގެން ނުވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިކަމުގައި އޮތީ އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާ. ޒިންމާ ރަނގަޅަށް އަދާކުރެއްވިއްޖެނަމަ ސަލާމަތުގެ އައްސޭރިއަކަށް ދިއުމުގެ ޖާގަ އެބަފެނޭ. އެހެންނަމަވެސް މި ބަލީގެ އަލާމާތްހުރި ނުވަތަ މި ބަަލިޖެހިފައިހުރި އެންމެ މީހަކަށް ކުރެވޭ ކަމަކުން މުޅި ޤައުމު ނުރައްކަލަށް ލެވޭކަހަލަ ނުރައްކާތެރި ބައްޔެއް މި ބައްޔަކީ. އެކަކު ކިބައިން 3 މީހުންނަށް، ދެން 9 މީހުންނަށް މި ބަލި ފެތުރިދާނެ. އަދި އެންމެ ފުރުޞަތު ބޮޑީވެސް ތިމާވެ ގާތްތިމާގެ މީހުންނާއި އެންމެ ލޯބިވާ މީހުންނަށް މި ބަލި ޖެހުން" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އައިސޮލޭޝަނަށް ލެވޭ ފަރާތްތަކުންވެސް އައިސޮލޭޝަންގައި ތިބުމަށާއި، މިކަމުގައި ޑޮކްޓަރުން ދެއްވާ އިރުޝާދުތަކާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ނިންމުންތައް ލުއިކޮށް ނަގައިގެން ނުވާނެކަމަށެވެ. އަދި މި ބަލީގެ ނުރައްކާ އަދިވެސް ބޮޑުކަމަށާއި، މިކަމުގައި ކަމާގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހުރިހާ ދިވެހި ރައްޔިތުން އެއްބާރުލުން ދިނުން މުހިއްމުކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19 އަށް 13 މީހަކު ޕޮސިޓިވްވެފައިވާއިރު، އޭގެ ތެރެއިން 3 މީހަކު މިހާރު މި ބަލިން ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.