އައިއޯއައިޖީ

ގޭމްސްގެ މަޤްޞަދު ހަނދާން ނައްތާނުލުމަށް ޗެފް ޑިމިޝަން އެދިއްޖެ


ދިވެހި ބޮޑު ކޮންޓިންޖެންޓެއް ރީޔޫނިއަންއަށް އައި މަޤްޞަދު ހަނދާން ނައްތާ
ނުލާން ޗެފް ޑިމިޝަން ގޮވާލައްވައިފިއެވެ. އިންޑިއަން އޯޝަން އައިލެންޑް
ގޭމްސްގައި ވާދަކުރުމަށް ރާއްޖެއިން އައި އެތްލީޓުންނާއި ކުޅުންތެރިންނަށް ދިމާވި
ބައެއް ދަތިތަކަށް އިޝާރާތްކުރައްވައި ޗެފް ޑިމިޝަން އިހުސާން އަބުދުލްޣަނީ
ވިދާޅުވީ ދަތިތަކަކާއި އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް އެކަންކަން
ހައްލުވެ، އަދި އިތުރަށްވެސް ރަނގަޅުކުރަމުންދާކަމަށެވެ.



" ކޮންމެ ގޮތެއްވިޔަސް މިވަރުގެ ބޮޑު ކޮންޓިންޖެންޓެއް، ދުއިސައްތަ
ފަންސާހެއްހާ މީހުން އެއްފަހަރާ އަންނައިރު ދަތިތަކެއް، އުނދަގޫތަކެއް ހުންނާނެ.
އަޅުގަނޑުމެން އެންމެ ބޭނުންވާ ގޮތަށް ބައެއް ކަންތައްތައް ނުވެދާނެ. ނަމަވެސް
އެކަންކަން މިދަނީ ހައްލުކުރަމުން. އަދި ގިނަ އުނދަގޫ ކަންތައްތައް ވަނީ
ހައްލުކުރެވިފައި. " އީގަލްސްގެ ކޯޗުކަންވެސް ކުރައްވާ އިހުސާން
ވިދާޅުވިއެވެ.



އިހުސާން އިތުރަށް ވިދާޅުވީ އެކޮމަޑޭޝަންގައި ދިމާވި ބައެއް ދަތިތައްވެސް
ރޭގެ ވަގުތެއްގައި ހައްލުކޮށް، ކޮންމެ ކުއްޖަކަށް ނުވަތަ ދެ ކުއްޖަކަށް ކޮޓަރިއެއް
ހަމަޖައްސާފައިވާކަމަށެވެ. މުއާމަލާތް ކުރުމުގައިވެސް މައްސަލަތަކެއް ދިމާވި
ކަމަށާއި ނަމަވެސް މިހާރު ހުރިހާކަމެއްވެސް މަޑުމަޑުން ހަމައަކަށް އެޅި،
އިއްޔެއަށްވުރެ މިއަދު ރަނގަޅުކަމަށް އިހުސާން ވިދާޅުވިއެވެ.



" މިހާރު ކުޅުންތެރިންވެސް ދަނީ މަޑުމަޑުން ހަމަޔަކަށް އެޅި، ހޭނެމުން.
ގޭމްސް ރަސްމީކޮށް ހުޅުވިގެންދާއިރު ކުޅުންތެރިން މުޅިން ހޭނި، ހުރިހާކަމެއްވެސް
ރަނގަޅުވާނެކަމަށް ޤަބޫލުކުރަނީ. ކޮންމެ ގޮތެއްވިޔަސް ދުވަހަކަށް ވުރެ ދުވަހެއް
ކަންތައްތައް ދާނީ ރަނގަޅުވަމުން. " އިހުސާން ވިދާޅުވިއެވެ.



އޭނާ ވިދާޅުވީ ދަތިތަކާއި އުނދަގޫތަކާއެކުވެސް ފޯކަސް ކުރަންވީ ހާޞިލްކުރަން
އައި މަޤްޞަދަށް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އެކަން ހާޞިލްވާނެކަމަށް
އިހުސާން ވިދާޅުވިއެވެ. މިފަހަރުގެ ގޭމްސްއަށް ރާއްޖެއިން ބޮޑު ކޮންޓިންޖެންޓެއް
އައީ ބޮޑު ކާމިޔާބީއަކަށް އަޒުމް ކަނޑައަޅައިގެން، އެހެން ގޭމްސްތަކަށްވުރެ
ރަނގަޅަށް ތައްޔާރުވެގެންނެވެ. ރާއްޖެއިން ބޭރުން ތަމްރީން ހޯދައިގެންނެވެ.
އޮލިމްޕިކް ކޮމިޓީން ކަނޑައަޅާފައިވާ އަމާޒަކީ ނުވަޔަކާއި ފަނަރަޔާއި ދެމެދުގެ
އަދަދަކަށް މެޑަލް ހޯދުމެވެ.



ގޭމްސްގައި ހިމެނޭ ފުޓްބޯޅަ އިވެންޓް މިހާރު ވަނީ ފަށާފައެވެ. ރާއްޖޭގެ
އަންހެން ފުޓްބޯޅަ ޓީމް މިހާރު ދަނީ މަޔޯއްޓޭއާއި ވާދަކުރަމުންނެވެ.