ވިޔަފާރި

ކޯވިޑް-19 : ދުނިޔޭގެ ދެބައިކުޅަ އެއްބައި މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތް


ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ދެބައިކުޅަ އެއްބައި މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު އެބަ އޮތް ކަމަށް އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނުން ހާމަކޮށްފިއެވެ.

ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިޤްތިސާދަށްވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ.

އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން، އައި.އެލް.އޯއިން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން މޮނިޓަރ ނުކުރާ ވިޔަފާރިތަކުގެ ގާތްގަނޑަކަށް 1.6 ބިލިއަން މީހުންގެ ވަޒީފާ ގެއްލިދާނެ ކަމަށްވަނީ ލަފާކުރެވިފައި ކަމަށެވެ.

އަދި އެންމެ ދަށްފަންތީގެ ވަޒީފާތައް އަދާކުރާ ފަރާތްތަކަށް މުސާރަ ލިބުން ހުއްޓި، ފުއްދުންތެރިކަމަށް ގިނަ ބަދަލުތަކެއް އަންނާނެ ކަމަށް އައިއެލްއޯއިން ބުނެއެވެ.
ސަރުކާރުތަކުން މޮނިޓަރ ނުކުރާ ވިޔަފާރަތަށް އެންމެ ގިނައީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައެވެ.

އެގޮތުން ދުނިޔޭގެ ވަޒީފާ އަދާ ކުރާ އާބާދީގެ 3 ބައިކުޅަ ދެބައި މީހުންނަކީ މިފަދަ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކެއް ވަނީ ފުރަބަންދަކަށް ގޮސްފައެވެ. މިއާ އެކު ވިޔަފާރިތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.