ރީޔޫނިއަން އަތުން ބަލިވެ ސެމީފައިނަލަށް ދިއުމުގެ ފުރުޞަރު ރާއްޖޭގެ
ފިރިހެން ވޮލީ ޓީމަށް ގެއްލިއްޖެއެވެ. މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން
އައިލެންޑް ގޭމްސްގެ ވޮލީބޯޅަ އިވެންޓްގެ ފައިނަލްގެ ފުރުޞަތު ރާއްޖޭގެ ޓީމަށް
ގެއްލުނީ މުބާރާތް ބާއްވާ ޤައުމު ކަމުގައިވާ ރީޔޫނިއަން އަތުން ސީދާ ތިން ސެޓުން
ބަލިވެގެންނެވެ. މެޗްގައި ދިވެހި ޤައުމީ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ދެވަނަ
ސެޓްގައެވެ. ފުރަތަމަ ސެޓާއި، ތިން ވަނަ ސެޓްގައި މާރަނގަޅު ކުޅުމެއް ދެއްކިފައެއްނުވެއެވެ.
މެޗުގެ ސެޓްތައް ރީޔޫނިއަން ގެންދިޔައީ 25-15، 27-25 އަދި 25-13 ނެވެ.
މުޅި މެޗުގައިވެސް ދިވެހި ޓީމަށް ލީޑް ލިބިފައިވަނީ ދެވަނަ ސެޓްގައި
އެކަންޏެވެ. ނަމަވެސް ލީޑްގައި މާގިނަ ވަގުތު ހިފަހައްޓާލެވޭގޮތެއް ނުވިއެވެ. މެޗުގެ
ފަހު ސެޓްގައި ރީޔޫނިއަން ޓީމުން ވަނީ ސެޓްގެ ކުރީ ކޮޅު ބޮޑު ލީޑެއް ނަގާފައެވެ.
ތިންވަނަ ސެޓްގައި ދިވެހި ޓީމަށް މާރަނގަޅު ކުޅުމެއް ދެއްކިފައެއްވެސް ނުވެއެވެ. މެޗަށްފަހު
ދިވެހި ޓީމްގެ އެސިސްޓެންޓް ކޯޗް މުޙައްމަދު ސާޖިދު ބުނީ މެޗުގެ ފުރަތަމަ ސެޓްގައި
ޓީމަށް މާރަނގަޅު ކުޅުމެއް ދެއްކިފައިނުވާކަމަށާއި، ނަމަވެސް ދެވަނަ ސެޓްގައި ހިތްހަމަޖެހޭވަރަށް
ޓީމް ކުޅުނުކަމަށެވެ.
" ތިންވަނަ ސެޓްގައި ރީޔޫނިއަންއިން މެޗްގެ ކުރީކޮޅުގައި މާބޮޑު ލީޑެއް ނެގީ.
ދެވަނަ ސެޓްގައި ކުޅެވުނު މިންވަރާ ގާތަށްވެސް ފަހު ސެޓްގައި ޓީމަށް ނުކުޅެވުނު.
މެޗަށް މިއަންނަން ޖެހެނީވެސް އެއް ގަޑިއިރުގެ ދަތުރެއްކޮށްފަ. ދެން އުއްމީދަކީ
އަދިވެސް މެޑަލްއެއް ހިފައިގެން ޤައުމަށް ދިއުން." ސާޖިދު ބުންޏެވެ.
މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ދިވެހި ޤައުމީ ވޮލީ ޓީމް ނިކުންނާނީ
ސީޝެލްސްއާ ދެކޮޅަށެވެ.