ޚަބަރު

"ރާއްޖޭގައި ކޯވިޑް-19އިގެ ހާޑް އިމިއުނިޓީއަކަށް ދާން އަދި ގާތްވެސް ނުވޭ" ޑރ.އަފްސަލް


ރާއްޖޭގައި ކޯވިޑް-19އިގެ ހާޑް އިމިއުނިޓީ، ނުވަތަ ބަލި މުޖްތަމަޢުގެ ތެރޭގައި އާއްމުވުމަށް ދާން އަދި ގާތްވެސް ނުވާ ކަމަށް އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ. ޑރ. އަފްޒަލް ވަނީ ރާއްޖޭގައި ހާޑް އިމިއުނިޓީއަކަށް ދާން އެކަށޭނަވަރަކަށް އަދި ބަލި ނުފެތުރޭކަމަށް ވިދާޅުވެފައެވެ.

ޕީއެސްއެމް ނިއުސްއިން ކޯވިޑް-19ގެ މަޢުލޫމާތު ގެނެސްދޭ ޚާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޯވިޑް-19ގެ ކޭސްތައް ދިވެހިންގެ މެދުގައި މިހާރު އިތުރުވަމުންދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށެވެ. އެގޮތުން މިހާރު ރާއްޖއިން ކޯވިޑްގެ 5000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު، މީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ދިވެހިން ކަމަށެވެ.

މުޖުތަމަޢުގައި ބަލި ފެތުރުނަ ދީ ހާޑް އިމިއުނިޓީ ލިބުމަށް ދޫކޮށްލުމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ޚިޔާލުފާޅުކުރަމުންދާތީ މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ހާޑް އިމިއުނިޓީއަކަށް ދާން އެކަށޭނަވަރަކަށް އަދި ބަލި ނުފެތުރޭކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި ބިދޭސީންނާއެކު އާބާދީ 8 ލައްކައާއި ގާތް ކުރާއިރު ހާޑް އިމިއުނިޓީއަކާއި ހަމައަށް ދާން ވިސްނާނީ މި އާބާދީގެ 80 އިންސައްތަ މީހުންނަށް ބަލިޖެހި ބަލިން ރަނގަޅުވުމުންކަމަށެވެ. މިފަދަ މަންޒަރެއް އަދި ރާއްޖޭގައި ފެންނަން ނެތް އިރު، ހާޑް އިމިއުނިޓީއަކަށް ދާން މަސައްކަތް ކުރި ބައެއް ޤައުމުތަކުގައި ބަލީގެ ޙާލަތު ގޯސްވެފައިވާކަމަށް ޑރ. އިބްރާހިމް އަފްޒަލް ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ފަތުރުވެރިންނާއިއެކު އާބާދީ ގުނާނަމަ އާބާދީ 8 ލައްކައަށް އަރާނެ. ރާއްޖޭގައި ބަލިޖެހިފައިމިވަނީ ފަސް ހާހުގައި. ހާޑް އިމިއުނިޓީއަކަށް ދިއުމަށް އެންމެ މަދުވެގެން އާބާދީގެ 80 އިންސައްތައަށް ބަލިޖެހި ރަނގަޅުވާންޖެހޭ. މިހާލަތު އަދި ރާއްޖެއަކުން ނުފެނޭ" ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.

ޑރ. އިބްރާހިމް އަފްޒަލް ވަނީ އުމުރުން ދުވަސްވީ މީހުންނާއި، ދިގު މުއްދަތަކަށް ބޭސްފަރުވާކުރަންޖެހޭ މީހުންފަދަ ހައި ރިސްކް މީހުން ބަލިން ރައްކާތެރިކުރުމަށް މުޅި މުޖުތަޢު އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާފައެވެ. މިފަދަ ފަރާތްތައް ކޮންޓެކްޓްވާމީހުން މަދުކުރުމަށްވެސް ޑރ. އަފްޒަލް ގޮވާލެއްވިއެވެ.

ޑރ. އިބްރާހިމް އަފްޒަލް މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ކޯވިޑް-19އާ ގުޅިގެން މިހާރު އޮތް ޙާލަތުގެ ސަބަބުން ޢުމުރުން ދުވަސްވީ މީހުންނަށް ބޮޑު ނުރައްކަލެއް އެބައޮތްކަމަށް އެޗްއީއޯސީންވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޯވިޑް ބަލީގައި 19 މީހުން ނިޔާވެފައިވާއިރު، މީގެތެރޭގައި އެންމެ ގިނައީ ޢުމުރުން ދުވަސްވީ މީހުންނެވެ.