ވިޔަފާރި

އޭވިއޭޝަން ދާއިރާ - ބައިނަލްއަޤްވާމީ ގުޅުން ބަދަހިކޮށްދޭ މުހިއްމު ސިނާޢަތެއް


ދުނިޔޭގެ އެއް ޤައުމު އަނެއް ޤައުމާއި، އެއް ބަރު އަނެއް ބައްރާއި ގުޅުވައިދޭ އެންމެ މުހިއްމު އެއް ވަޞީލަތަކީ ދަތުރުފަތުރުގެ ނިޒާމެވެ.

ޒަމާނަށް އައިސްފައިވާ ބަދަލުތަކާއި، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ވަކިން ޚާއްސަކޮށް ވައިގެ ދަތުރުފަތުރުގެ ދާއިރާއަކީ މިހާރު އެންމެ ޑިމާންޑު ބޮޑު އެއް ދާއިރާއެވެ. އަދި އެންމެ ބޮޑު ޢާމްދަނީއެއް ހޯދާ އެއް ސިނާޢަތެވެ. ދުވާލެއްގެ މައްޗަށް އެތައް މިލިއަން ބަޔަކު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ހޯދަމުންދާއިރު، ފާއިތުވި 50 އަކަށް އަހަރު ތެރޭގައި މި ސިނާޢަތްވެސް މިވަނީ މިއިން ޒަމާނަކު ނުދެކޭހާ ހަލުވިމިނުގައި ކުރިއަރާ، ވާދަވެރިކަންވެސް އިންތިހާއަށް ބޮޑުވެފައެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރުމަހުގެ 7 ވަނަ ދުވަސް ފާހަގަކުރަމުންދަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން ޑޭ ނުވަތަ ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެގޮތުގައެވެ. މި ދުވަސް ފުރަތަމަ ފާހަގަ ކުރަން ފެށުނީ 1994 ވަނަ އަހަރު އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯއަށް 50 އަހަރު ފުރުމުގެ ޙަރަކާތްތަކުގެ ތެރެއިންނެވެ. 1996 ވަނަ އަހަރު އައިކާއޯގެ އިސްނެގުމުގެ މަތީން، އ.ދ. ގެ ޖެނެރަލް އެސެމްބްލީން ވަނީ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހަކީ އ.ދ. ގެ ނިޒާމުގެ ތެރެއިން ފާހަގަ ކުރާ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހުގެ ގޮތުގައި ބަލައިގެންފައެވެ.

ދުނިޔޭގެ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމުތަކުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް އޭވިއޭޝަން ދާއިރާއަކީ ކިހާ މުހިއްމު ދައުރެއް އަދާކުރާ ދާއިރާއެއްކަން ހާމަކޮށްދީ، އެ ދާއިރާއާމެދު މިހާރަށްވުރެ ބޮޑަށް މީހުން ހޭލުންތެރިކުރުވުމެވެ. އަދި އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލުކުރުމުގައި އޭވިއޭޝަން ދާއިރާއިން އަދާކުރާ ދައުރާއި، އެ ދާއިރާއަށް ދެވޭ ސަމާލުކަން އިތުރުކޮށް، ދެމެހެއްޓެނިވިގޮތެއްގައި އެ ސިނާޢަތް ކުރިއަރުވާ ތަރައްޤީކުރުމަށް ޤައުމުތަކަށް ބާރުއެޅުމެވެ. ހަމައެހެންމެ މި ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް މިދުވަސް ފާހަގަކުރުމުގެ މަޤްޞަދެކެވެ.

އައިކާއޯއިން މިދުވަސް ފާހަގަކުރަމުންދަނީ ކޮންމެ 5 އަހަރަކަށް ވަކި ޚާއްސަ ތީމެއް ނުވަތަ ޝިއާރެއް ކަނޑައަޅައިގެންނެވެ. އެގޮތުން 2019 އިން 2024 އަށް އެ ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ "އެޑްވާންސިންގ އިނޮވޭޝަން ފޯރ ގްލޯބަލް އޭވިއޭޝަން ޑިވެލޮޕްމަންޓް" އެވެ. މިއީ ދުނިޔޭގެ އޭވިއޭޝަން ދާއިރާ ކުރިއެރުވުމުގައި މިހާރަށްވުރެ ބޮޑަށް އީޖާދީގޮތްތައް ބޭނުންކުރުމަށް ހިތްވަރުދިނުމުގެ ގޮތުން އެ ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރެކެވެ.

ދުނިޔެ މިހާރު ކުރިމަތިލާފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު އެންމެ ބޮޑު އަސަރެއް ކޮށްފައިވާ ދާއިރާއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއެވެ. އެގޮތުން ޤައުމުތައް ފުރަބަންދުކުރުމާއި، ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުންފަދަ ފިޔަވަޅުތަކާއެކު، މި ދާއިރާއަށްވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ އެއަރލައިންތަކާއި، އެއަރޕޯޓުތަކާއި، އަދި އެނޫންވެސް އޭވިއޭޝަން ދާއިރާއާއި ގުޅުންހުރި ކުންފުނިތަކަށް މާލީގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހުނެވެ. ބައެއް އެއަރލައިންތައް ހުއްޓާލަންޖެހި، ގިނަ ބައެއްގެ ވަޒީފާތައް ގެއްލުންފަދަ ކަންކަން މިވީ އަށެއްކަ މަސް ދުވަހުގެ ތެރޭގައި ވަނީ ހިނގާފައެވެ.

އެގޮތުން އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަނުން މިއަހަރުގެ އޭޕްރީލްމަހު އަންދާޒާކޮށްފައިވާގޮތުގައި މިއަހަރުގެ ނިޔަލަށް އޭވިއޭޝަން ދާއިރާއަށް ލިބޭ ޢާމްދަނީ 55 އިންސައްތަ ދަށަށްގޮސް، އެއަރލައިންތަކުން ދަތުރުކުރާ ފަސިންޖަރުންގެ ނިސްބަތް 48 އިންސައްތަ ދަށްވާނެއެވެ. އަދި އެއަރޕޯޓުތައް ބަންދުކުރުމާއި، ފްލައިޓްތައް ކެންސަލްކުރަން ޖެހުމާއި، ދަތުރުކުރާ ރޫޓްތައް ބަދަލުކުރުމާއި، ފްލައިޓްތަކުގައި އުފުލާ ފަސިންޖަރުންގެ އަދަދު މަދުކުރަން ޖެހުންފަދަ ކަންކަމުގެ ސަބަބުން މުޅި ސިނާޢަތަށް ގާތްގަނޑަކަށް 314 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިގެންދާނެކަމަށް އެ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ. މިއާއެކު މި ދާއިރާ ކޮޅަށް ޖެހުމަށް މުހިއްމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.

ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތުން ވައިގެ ދަތުރުފަތުރުގެ ދާއިރާއަކީ އަޅުގަނޑުމެން ދިވެހިންގެ ދިރިއުޅުމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ދާއިރާއެކެވެ.

ރާއްޖޭގައި މިވަގުތުވެސް 14 އެއަރޕޯޓެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އޭގެތެރެއިން 10 އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓްތަކެކެވެ. އަދި 4 އެއަރޕޯޓެއް ހިންގަމުންދަނީ އިންޓަރނޭޝަނަލް އެއަރޕޯޓުތަކެއްގެގޮތުގައެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަން ހިމެނޭހެން ޖުމްލަ 3 އެއަރލައިނަކުން ރާއްޖޭގައި އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އަދި ސީޕްލޭންގެ ޚިދުމަތް ދިނުމުގައިވެސް 3 އެއަރލައިނަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖޭގެ އޭވިއޭޝަން ދާއިރާއަކީވެސް ޒަމާނަށް ފައްކާވެފައިވާ ސިނާޢަތަކަށް ހެދުމަށް ސަރުކާރުން ދަނީ މުހިއްމު މަސައްކަތްތަކެއްކުރަމުންނެވެ. މިއާއެކު ރާއްޖެއަށް އޮޕަރޭޓްކުރާ ބައިނަލްއަޤްވާމީ އެއަރލައިންތަކާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އެތައް ގުނައެއް އިތުރުވެފައިވާއިރު، ރާއްޖެއަށް އޮންނަ މަޤުބޫލުކަންވެސް ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.

ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު އެކުލަވާލާފައިވާއިރު، މިއީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދުރު ރާސްތާގެ ސިޔާސަތުތަކެއް އެކުލަވާލެވުނު ފުރަތަމަ ފަހަރެވެ. މި ސިޔާސަތުގެ ދަށުން މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތު ކުރިއެރުވުމަށް ސަރުކާރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން އިސްކަންދީގެން ކުރާނެ މުހިންމު މަސައްކަތްތަކުގެ މަގުޗާޓެއް އެކުލަވާ، ސަރުކާރާއި ވައިގެ ދަތުރުފަތުރުގެ ބައިވެރިންނަށް އެއް މިސްރާބަކަށް ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. 5 ތަނބެއްގެ މައްޗަށް އެކުލެވިގެންވާ މިސިޔާސަތުގެ މަޤްސަދަކީ ސަލާމަތްތެރިކަމާއެކު ތިމާވެއްޓާ ރައްކާތެރިގޮތެއްގައި އަދި އިޤްތިޞާދީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިން އެކަކު އަނެކަކަށް އަދި ދުނިޔެ ގުޅުވާދިނުން ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.