ދުނިޔޭގެ ވިޔަފާރި

ބައިޑަންގެ ކޯވިޑް-19 ސްޓިމިއުލަސް ޕެކޭޖު ކުޑަކުރުމަށް ރިޕަބްލިކަނުން އެދިއްޖެ


އެމެރިކާގެ އައު ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ 1.9 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ކޯވިޑް-19 ސްޓިމިއުލަސް ޕެކޭޖު ކުޑަކުރުމަށް އިދިކޮޅު ރިޕަބްލިކަނުން އެދެފިއެވެ.

ބައިޑަން އިޢުލާނުކުރައްވާފައިވާ ސްޓިމިއުލަސް ޕެކޭޖުގެ ތެރޭގައި ކޯވިޑް-19އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށާއި ވެކްސިން ދިނުމުގެ މަސައްކަތަށް 415 ބިލިއަން އެމެރިކާ ޑޮލަރު ހިމަނާފައިވެއެވެ. އެ ފައިސާ ޚަރަދުކުރާނީ ޤައުމީ ވެކްސިން ދިނުމުގެ މަޝްރޫޢުއަށާއި ތަހުލީލުކުރުމާއި ވެކްސިން ފޯރުކޮށްދޭ ފަރާތްތަކާއި ކޮންޓެކްޓް ޓްރޭސިންގ މަސައްކަތްކުރާ ފަރާތްތަކަށާއި ސްޓޭޓުތަކަށް ޚަރަދުކުރުމަށެވެ. އޭގެ އިތުރުން ސީދާ ގޭބިސީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއް ޓްރިލިއަން އެމެރިކާ ޑޮލަރުވަނީ ހިމަނާފައެވެ. އަދި ކޯވިޑް-19ގެ ސަބަބުން އަސަރުކޮށްފައިވާ ކުދި ވިޔަފާރިތަކަށާއި މުޖުތަމަޢުތަކަށް އެހީތެރިވުމަށް 440 ބިލިއަން އެމެރިކާ ޑޮލަރުވަނީ ހިމަނާފައެވެ. އަދި ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވަކި ޢަދަދަކަށްވުރެ ދަށް އާމްދަނީއެއް ލިބޭ ފަރާތްތަކަށް 1400 އެމެރިކާ ޑޮލަރުގެ ޗެކު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދޫކޮށްފައިވާ 600 އެމެރިކާ ޑޮލަރުގެ ޗެކުތަކުގެ އިތުރުންނެވެ. އޭގެ އިތުރުން ވަޒީފާ ނެތް މީހުންނަށް ހަފްތާއަކު އެއްފަހަރު ދެމުންދާ 300 އެމެރިކާ ޑޮލަރުގެ އިންޝުއަރެންސް 400 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މާރިޗު މަހުގައި މުއްދަތު ހަމަވާ އެ އިންޝުއަރަންސު ފައިސާ ސެޕްޓެމްބަރު މަހާއިހަމައަށް ދޫކުރުމަށްވެސް ބައިޑަންވަނީ ހުށަހަޅުއްވާފައެވެ.

ޤާނޫނުހަދާ މަޖިލީހުގެ ރިޕަބްލިކަނުން ތަމްޞީލުކުރާ މެންބަރުން ރައީސް ބައިޑަންއަށް ފޮނުއްވި ސިޓީއެއްގައި ބުނީ މީގެކުރިން ކޯވިޑް-19ގެ ޙާލަތުގައި އެހީތެރިކަން ފޯރިކޮށްދިނުމަށް ޤާއިމްކޮށްފައިވާ ޤާނޫނުތަކުގެ މައްޗަށް ބިނާކޮށް، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމުގެ ރޫހުގައި އަދި އެއްބައިވަންތަކަމުގެ ރޫހުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތުގެ ރޭވުންތަކެއް ރިޕަބްލިކަނުންގެ ފަރާތުން ތައްޔާރުކޮށްފައިވާކަމަށެވެ. އަދި ކުރިން ޤާއިމްކޮށްފައިވާ ޤާނޫނުތައް ފާސްކޮށްފައިވަނީ ޑިމޮކްރެޓުންގެ އެއްބާރުލުމާއި އެކުގައިކަމަށް އެ ސިޓީގައިވަނީ ފާހަގަކޮށްފައެވެ.

އެ ސިޓީގައި ބުނީ ރައީސް ބައިޑަން ހުށަހަޅުއްވާފައިވާ ޕެކޭޖު ކުޑަކުރުމަށް ރިޕަބްލިކަނުންގެ ފަރާތުން އެދޭކަމަށާއި، އެ ޕެކޭޖުގެ ބަދަލުގައި ރިޕަބްލިކަނުންގެ ފަރާތުން ހުށަހަޅާ ޕެކޭޖުގައި ކޯވިޑް-19ގެ ވެކްސިނާއި ގުޅޭ ކަންކަމަށާއި ތަހުލީލުކުރުމާއި ފަރުވާ ދިނުމަށާއި ރައްކާތެރިކަމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށް 160 ބިލިއަން އެމެރިކާ ޑޮލަރު ހިމަނާނެކަމަށެވެ. އަދި އެމެރިކާގެ ރައްޔިތުންނަށް ބައިޑަން ފޯރުކޮށްދެއްވުމަށް ކަނޑައަޅާފައިވާ 1400 އެމެރިކާ ޑޮލަރުގެ ބަދަލުގައި ބޭނުން ޖެހިފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ރާވާފައިވާކަމަށް ރިޕަބްލިކަނުން ބުންޏެވެ.

ރިޕަބްލިކަނުންގެ ފަރާތުން ފޮނުވި ސިޓީގައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް ބައިޑަންއާއި ބައްދަލުކުރެއްވޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް އެދިފައެވެ. ރިޕަބްލިކަނުންގެ ހުށަހެޅުމުގައި ރައީސް ބައިޑަންގެ ރޭވުންތަކުގައި އިސްކަން ދެއްވާފައިވާ ގިނަ ކަންކަން ހިމެނޭކަމަށާއި، އެ ރޭވުންތަކަށް ރައީސް ބައިޑަންގެ އެއްބާރުލެއްވުން ލިބިއްޖެނަމަ ދެ ފަރާތުގެ ރުހުމާއިއެކު އަވަސް ގޮތަކަށް ޤަނޫނުހަދާ މަޖިލީހުން އެ ޕެކޭޖު ފާސްވާނެކަމުގެ ޔަޤީންކަން އޮތްކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

ރައީސް ބައިޑަނަށް ފޮނުވާފައިވާ ސިޓީގައި ސޮއިކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގައި ރިޕަބްލިކަނުން ތަމްޞީލުކުރާ ސޫޒަން ކޮލިންސް، ލީސާ މާކައުސްކީ އަދި މިޓް ރޮމްނީ ހިމެނެއެވެ. އެ ތިން ބޭފުޅުންނަކީވެސް ރިޕަބްލިކަނުންގެ ތެރެއިން ރައީސް ބައިޑަންއަށް އެންމެ ބޮޑަށް އެއްބާރުލުން ދެއްވާނެކަމަށް ބެލެވިފައިވާ ބޭފުޅުންނެވެ.

ރިޕަބްލިކަނުންގެ ފަރާތުން ހުށަހަޅާ ޕެކޭޖުގެ ޖުމްލަ ޢަދަދު މިހާތަނަށް ސާފުވެފައި ނުވާއިރު ސިޓީގައި ސޮއި ކުރައްވާފައިވާ އެއް މެންބަރުކަމުގައިވާ ބިލް ކެސިޑީ ވަނީ އެ ޕެކޭޖުގެ ޢަދަދަކީ ގާތްގަނޑަކަށް 600 ބިލިއަން އެމެރިކާ ޑޮލަރުކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން ބައިޑަން ވަނީ އެމަނިކުފާނު ހުށަހަޅުއްވާފައިވާ ޕެކޭޖަކީ ވަރަށް ބޮޑު ޚަރަދެއްކަން ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު އެ ޚަރަދު ނުކޮށްފިނަމަ އޭގެ ސަބަބުން ފަހުން ލިބޭނެ ގެއްލުން މާ ބޮޑުވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އިޤްތިޞާދީ މާހިރުންނާއި މާލީ އިދާރާތަކާއި ބޮޑެތި ބޭންކުތަކުން މިފަދަ ޕެކޭޖަކަށް ޤައުމު ބޭނުންޖެހިފައިވާކަމަށް އެއްބަސްވާކަމަށް ބައިޑަން ވިދާޅުވިއެވެ. މިވަގުތު ޤައުމުގެ މަސައްކަތްތެރިންނާއި ޢާއިލާތަކަށް އަމާޒުކޮށް ބޮޑު ޢަދަދެއް ހޭދަކޮށްފިނަމަ އިޤްތިޞާދު ރަނގަޅުވެ، ތަފާތުތައް ކުޑަވެ، ދުރު ރާސްތާގައި ޤައުމުގެ މާލީ ޙާލަތު ރަނގަޅުވާނެކަމަށް އޭނާ ވިދާޅުވިއެވެ.