ދުނިޔޭގެ ވިޔަފާރި

ކޯވެކްސް މަޝްރޫޢަށް ޖަރުމަންވިލާތުން އިތުރު 1.5 ބިލިއަން ޔޫރޯ ދެނީ


ދުނިޔޭގެ ޤައުމުތަކަށް ކޯވިޑް-19 ވެކްސިން ހަމަހަމައަށް ފޯރުކޮށްދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން އިސްވެ ފަށާފައިވާ ކޯވެކްސް މަޝްރޫޢު އާއި ކޯވިޑް-19އާއި ގުޅޭ އެހެނިހެން މަޝްރޫޢުތަކަށް އިތުރު 1.5 ބިލިއަން ޔޫރޯ ޚަރަދުކުރާނެ ކަމަށް ޖަރުމަނުވިލާތުން ބުނެފިއެވެ.

ޖަރުމަނުވިލާތުގެ މާލީ ވަޒީރު އޯލަފް ޝޮލްޒް ވިދާޅުވީ ކޯވެކްސް މަޝްރޫޢުގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަށާއި ބަލިމަޑުކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް ޑަބްލިއުއެޗުއޯއިން ހިންގާ މަޝްރޫޢުތަކަށް އިތުރު 1.5 ބިލިއަން ޔޫރޯ ޚަރަދުކޮށް، އެ ޤައުމުން ޚަރަދުކުރާ ޖުމްލަ ޢަދަދު 2.1 ބިލިއަން ޔޫރޯއަށް އިތުރުކުރާނެކަމަށެވެ.

ޝޮލްޒް ވިދާޅުވީ ބަލިމަޑުކަމުގެ ޙާލަތުން އަރައިގަނެވޭނީ ވެކްސިންގެ ޒަރިއްޔާއިންކަމަށާއި ޖަރުމަނުވިލާތުގެ އިތުރުން ދުނިޔޭގެ ހުރިހާ ސަރަޙައްދުތަކުގައި ވެކްސިންދޭ މިންވަރު އިތުރުކުރަންޖެހޭކަމަށެވެ. ޖަރުމަނުވިލާތަށްވެސް ބައްޔާއި ދެކޮޅަށް ރައްކާތެރިކަން ލިބޭނީ ދުނިޔޭގެ އެހެން ހުރިހާ ސަރަޙައްދެއްގައިވެސް ވެކްސިން ދެމުންދާނަމަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝޮލްޒް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައި މިވާ ނާޒުކު ޙާލަތުގައި އެންމެ ފަޤީރު ޤައުމުތަކާއި އެކުގައި ޖަރުމަނުވިލާތް ވާކަމަށެވެ. ޖަރުމަނުވިލާތުން ދޭ އެހީތެރިކަން އިތުރުކުރުމުން ވެކްސިން، ބޭސް އަދި ތަހުލީލު ކިޓު ގަތުމަށް ޤާއިމްކޮށްފައިވާ ބައިނަލްއަގްވާމީ ފަންޑުގައި ހުރި ފައިސާގެ ޢަދަދު 30 އިންސައްތަ އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިޤްތިޞާދު އޮންނަ ހަތް ޤައުމުކަމުގައިވާ ޖީ7 ޤައުމުތަކުގެ މެދުގައި ބާއްވާ ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ކޯވެކްސް މަޝްރޫޢަށް ދެ ބިލިއަން އެމެރިކާ ޑޮލަރު ހަދިޔާކުރާނެކަން އެ ޤައުމުގެ ރައީސް ޖޯ ބައިޑަން އިޢުލާނުކުރައްވާނެކަމަށްވަނީ ބެލެވިފައެވެ. އެމެރިކާއިން ބުނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިތުރު ދެ ބިލިއަން އެމެރިކާ ޑޮލަރު އެ ޤައުމުން ޚަރަދުކުރާނެކަމަށެވެ.