މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް 19ގެ ބަލިމަޑުކަން އިންޑިއާގައި ބާރަށް ފެތުރެމުން ދާތީ އެ ޤައުމުގެ ތެލުގެ އަގު ދަށަށް ހިގައްޖެއެވެ.
ބަލިމަޑުކަމާހުރެ އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އާންމު ބޭނުންތަކަށް ބޭނުން ކުރާ ތަކެއްޗާއި ޚާއްޞަކޮށް ތެލަށާއި އެހެނިހެން އިޤްތިޞާދީ ހަރަކާތްތަކަށް ކުރާ އަސަރަކީ ޤައުމުތަކުން ވަރަށް ކަންބޮޑުވާ ކަމެކެވެ.
ހޯމަދުވަހުގެ އަގުތަކަށް ބަލާއިރު ބްރެންޓް ތެލުގެ އަގު ވަނީ 17 ސެންޓަށް ވެއްޓިފައެވެ. އެއީ 0.3 އިންސައްތައިގެ ދަށްވުމެކެވެ. އަދި ފީފާއެއް ލިބޭ އަގަކީ 66.60 ޑޮލަރެވެ. މިއީ މިދިޔަ ހަފްތާގައި 6 އިންސައްތައިގެ އިތުރުވުމަކަށް ފަހުގައެވެ. ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް ޔުނައިޓެޑް ސްޓޭޓްސް ތެލުގެ އަގު ވަނީ 10 ސެންޓަށް ތިރިވެފައެވެ. އެއީ 0.2 އިންސައްތައިގެ ދަށްވުމެކެވެ. އަދި ފީފާއެއްގެ އަގަކީ 63.03 ޑޮލަރެވެ. މިއީ މިދިޔަ ހަފްތާގައި 6.4 އިންސައްތައިގެ ކުރިއެރުމަކަށްފަހު އައި ބަދަލެވެ.
"މަގުތަކުގައި ޓްރެފިކް އޮތް މިންވަރު ދައްކައިދެނީ ތަރައްޤީވެފައިވާ ޤައުމުތަކުގައި ވެކްސިން ދޭ މިންވަރު. ނަމަވެސް ބަލިމަޑުކަން ފެތުރޭ މިންވަރު އިތުރުވެފައިވާ ޤައުމުތަށް ކަމަށްވާ އިންޑިއާ އަދި ބްރެޒިލް ފަދަ ޤައުމުތަކުގެ ޙާލަތު އެހާ ރަނގަޅެއް ނޫން" ދިރާސާ ރިޕޯޓެއްގައި ބުނެފައިވެއެވެ.
ހޯމަ ދުވަހު އިންޑިއާއިން ކޯވިޑް ޖެހިގެން ރެކޯޑްކޮށްފައިވާ އަދަދަކީ 273810 އެވެ. އަދި އެގައުމުން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 15 މިލިއަނަށްވުރެ މަތީގައެވެ. އަދި އިންޑިއާ އަކީ ދުނިޔޭގެ ނިސްބަތުން ދެވަނައަށް އެންމެ ގިނަ އަދަދަކަށް ވައިރަސް ޖެހިފައިވާ މީހުން ތިބި ޤައުމެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ގާތްގަޑަކަށް 180000 އަށް އަރާފައެވެ.
ވެރިރަށް ނިއުދިއްލީ ވަނީ ހޯމަ ދުވަހުން ފެށިގެން 6 ދުވަހުގެ މުއްދަތަކަށް ފުރަބަންދު ކޮށްފައެވެ. އެ ސިޓީގެ ޗީފް މިނިސްޓަރ ބުނެފައިވަނީ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ ޙާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ޤައުމުގެ ސިއްޚީ ނިޒާމު މިހާރު އޮތީ މަޑުޖައްސާލަން ޖެހޭ ހިސާބުގައިކަމަށެވެ.
މި ހިނގާ އޭޕްރީލްމަހު 20 ވަނަ ދުވަހުން ފެށިގެން ހޮންކޮންގއިން ވަނީ އިންޑިއާ، ޕާކިސްތާން އަދި ޕިލޕީންސްއިން އެ ގައުމަށްކުރާ ވައިގެ ދަތުރުތައް ކެންސަލް ކުރަން ނިންމާފައެވެ.
ރަނގަޅު އިޤްތިޞާދެއް އޮންނަ ޤައުމުތަކާއި ޚިލާފަށް ޖަޕާން ގައި ކޯވިޑްގެ ކޭސްތައް މަދުކަން ފާހަގަކުރެވެއެވެ. މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ވައިރަހުގެ 4 ވަނަ ބުރެއް އަދި އަންނާނެއެވެ. މިއީ އެޤައުމުގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް އަސަރު ކުރުވާނެކަމެއް ކަމަށް ރޮއިޓަރސް ގެ ޕޯލްއަކުން ދައްކައެވެ.
ޖަޕާނުން ތެޔޮ އެތެރެކުރާ މިންވަރު މާރިޗް މަހު ވަނީ 17 އިންސައްތައަށް ދަށްވެފައެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އެ ޤައުމުން ވަނީ ދުވާލަކަށް 2.5 މިލިއަން ފީފާ ތެޔޮ އެތެރެކޮށްފައެވެ.
އެމެރިކާގެ ހަކަތަ އުފައްދާ ކުންފުނިތަކުން ވަނީ ތެލާއި ޤުތުރަތީ ގޭސްތައް ެބާޒާރަށް ނެރޭ މިންވަރު ވަނީ ޖައްސަޖައްސައިގެން 5 ހަފްތާވަންދެން އިތުރުކޮށްފައެވެ.
އޯޕެކް ޤައުމުތަކާއި އެކުވެރި އެހެން ޤައުމުތަކުން ނިންމާފައިވަނީ އިތުރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށްޓަކައި ގުދަން ކޮށްފައިވާ ތެޔޮ ފީފާފަތަކަށް އެޅުމުގެ މަސައްކަތް އަންނަ މެއި މަހުން ފެށިގެން ކުރުމަށެވެ.
ދުނިޔޭގައި ވައިރަސް ފެތުރޭ މިންވަރު އިތުރު ވެފައިވާ މި ދަނޑިވަޅުގައި ބަލިމަޑުކަމުން އަރައިގަނެވޭނެ އުންމީދު ވަނީ ކުޑަވެފައެވެ.
އެމެރިކާގެ 18 އަހަރުންމަތީގެ ދެބައިކުޅައެއްބައި މީހުން މިހާރުވަނީ ކޯވިޑް ވެކްސިންގެ އެއް ޑޯޒަ ޖަހާފައެވެ. ނަމަވެސް އިންޑިއާ އަދި ބްރެޒިލް ފަދަ ޤައުމުތަކުގެ ޙާލަތު އަންނަނީ އިތުރަށް ގޯސްވަމުންނެވެ.