ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ތުރުކީވިލާތުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.
ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމުން ތުރުކީވިލާތް ފުރަބަންދުކޮށްފައިވަނީ އޭޕްރިލް މަހުގެ 30ވަނަ ދުވަހުއެވެ. އޭރު އެ ޤައުމުގައި ދުވާލަކު 60،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 400 މީހުން މަރުވެއެވެ. މެއި މަހުގެ 17ވަނަ ދުވަހާ ހަމައަށް އޭރު އެޅި ފިޔަވަޅުތަކުގެ ތެރޭގައި މުހިންމު ބޭނުމެއް ނެތި ބޭރަށް ނުކުތުން ޢާންމުންނަށް މަނާކުރުމާއި ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތައް ފިޔަވައި އެހެން ހުރިހާ ވިޔަފާރިއެއް ބަންދުކުރުމާއި އެތެރޭގެ ދަތުރުފަތުރުކުރުން މަނާކުރުން ހިމެނެއެވެ.
ތުރުކީވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކުގެ ތެރޭގައި ދުވާލުގެ ގަޑިތަކުގައި ބޭރަށް ނުކުމެ އުޅުމުގެ ޙުއްދަވަނީ ޢާންމުންނަށް ދީފައެވެ. ނަމަވެސް ރޭގަނޑުގެ 9ކާއި ފަތިހު 5އާ ދެމެދު އަދި ހަފުތާ ބަންދުގެ ތެރޭގައި ބޭރުގައި އުޅުން އަދިވެސް މަނާވާނެއެވެ. އެ ގަޑިތައް ފިޔަވަޅައި އެހެން ހުރިހާ ވަގުތެއްގައި ތުރުކީވިލާތުގެ އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދަތުރުކުރެވޭނެއެވެ. އޭގެ އިތުރުން ރެސްޓޯރަންޓުތަކާއި ކެފޭތަކަށް ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ. ހަފުތާ ބަންދު ނޫން ދުވަސްތަކުގައި ވިޔަފާރި މަރުކަޒުތައް ހުޅުވުމުގެ ޙުއްދަވެސްވަނީ ދީފައެވެ. ނަމަވެސް ކުޅިވަރުކުޅޭ މަރުކަޒުތަކާއި ސިނަމާތައް ހުޅުވުމުގެ ޙުއްދަ ދީފައެއް ނުވެއެވެ. އެ ޤައުމުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވީ ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި އިތުރު ލުއިތަކެއް ދޭނެކަމަށެވެ.
ތުރުކީވިލާތުގައި ބަލިފެތުރެމުންދާ މިންވަރުވަނީ މިދިޔަ މަހަށްވުރެ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިހާރު ދުވާލަކު ބަލިޖެހޭ މީހުންގެ ޢަދަދުވަނީ 11،000އަށް ދަށަށް ގޮސްފައެވެ. ނަމަވެސް އުރުދުޣާންވަނީ ދުވާލަކު ބަލިޖެހޭ މީހުންގެ ޢަދަދު 5،000އަށް ދަށްކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.