ޚަބަރު

މޯލްޑިވް ޣައްޒާ ރެސްޓޯރަންޓު ބިމާހަމަކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގައި ދިވެހިރާއްޖެއަށް ނިޞްބަތްކޮށްގެން ހިންގަމުންދާ މޯލްޑިވް ޣައްޒާ ރެސްޓޯރަންޓަށް އިސްރާއީލުން ދިން ޙަމަލާއެއްގައި ބިމާހަމަވެއްޖެއެވެ.

މެޑިޓެރޭނިޔަން ކަނޑަށްވާގޮތަށް ހުންނަ ތިން ފަންގިފިލައިގެ އެ ރެސްޓޯރެންޓަށް ޙަމަލާ ދީފައިވަނީ ޣައްޒާގެ ގޮނޑުދޮށުގައި ހުރި އިމާރާތްތައް މެއި މަހުގެ 17ވަނަ ދުވަހު އިސްރާއީލުން ދިން ޢުދުވާނީ ޙަމަލާތަކުގައެވެ. އެ ރެސްޓޯރަންޓުގެ އިތުރުން އެ ސަރަޙައްދުގައި ހުރި ގިނަ ޢަދަދެއްގެ އިމަރާތްތަކަށް ޙަމަލާތައް އަމާޒުވެފައިވެއެވެ. މޯލްޑިވް ޣައްޒާއަކީ އެ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ހިތްހަމަޖައްސާލުމަށް ދެވެންއޮންނަ މަދު ތަންތަނުގައި ހިމެނޭ ރެސްޓޯރަންޓެކެވެ.

މޯލްޑިވް ޣައްޒާ ރެސްޓޯރަންޓު ބިމާހަމަކޮށްލައިފައި / ވީޑިޔޯ: ސޯޝަލް މީޑިޔާ

ޢައްޒާއަކީ ފަލަސްޠީނުގެ އެހެން ބިންތަކާ ވަކިން އޮންނަ ސަރަޙައްދެކެވެ. 2 މިލިޔަން މީހުން ދިރިއުޅޭ ޢައްޒާއަކީ ދުނިޔޭގައި އެންމެ ބޮޑަށް ތޮށްޖެހިފައިވާ ސަރަޙައްދެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް ޒަރޫރީ ސާމާނު އެތެރެކުރެވެނީ އިސްރާއީލުން ޙުއްދަދިނުމުން އެކަންޏެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ޙަމަލާތަކުގައި 192އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 58 ކުޑަކުދިންނާއި 34 އަންހެނުން ހިމެނެއެވެ. އަދި 1،200އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ދިން ޙަމަލާތަކުގައި 13 މީހުން ޝަހީދުވެ، 4،000އަށްވުރެ މީހުންވަނީ ޒަޚަމުވެފައެވެ.