ފަލަސްޠީނުގެ ޣައްޒާގައި ޙަރަކާތްތެރިވާ ބޭރުގެ ނޫސްވެރިން ބޭނުންކުރަމުންދިޔަ އިމާރާތުގެ އެއްވެސް ފަންގިފިލާއެއްގައި ޙަމާސް ޖަމާޢަތުން ބޭނުންކުރިކަމުގެ އެއްވެސް ޙެއްކެއް އިސްރާއީލަށް މިހާތަނަށް ދެއްކިފައިނުވާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ނޫސްވެރިން ބޭނުންކުރަމުންދިޔަ އިމާރާތަކަށް އިސްރާއީލުން ޙަމަލާދޭންޖެހުނު ސަބަބެއް އޮޅުންފިލުވުމަށް އެދިފައިވާކަމަށެވެ.
ބޭރުގެ ނޫސްވެރިން ބޭނުންކުރަމުންދިޔަ އިމާރާތަކަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޙަމަލާ ދިނުމަށްފަހު އެ އިމާރާތް ބިމާހަމަކޮށްލީ މެއި މަހުގެ 15ވަނަ ދުވަހުއެވެ. ފުންނާބުއުސް ބޭރުގެ ނޫސް އިދާރާތައްކަމަށްވާ އަލްޖަޒީރާއާއި އޭޕީއާއި އޭއެފްޕީން ބޭނުންކުރަމުންދިޔަ އިމާރާތް ގޮށްވާލައިފައިވަނީ އެތަން ހުސްކުރަން 1 ގަޑިއިރުގެ މުޙްލަތެއް ދިނުމަށްފަހުއެވެ. ނަމަވެސް މުޙްލަތުދިންތާ 10 ވަރަކަށް މިނެޓުފަހުން އިސްރާއީލުންވަނީ އިމާރަތް ބިމާހަމަކޮށްލައިފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ބައެއް ނޫސްވެރިންނަށް އެ އިމާރާތުގައި ހުރި އެ މީހުންގެ ސާމާނު ސަލާމަތްކުރުމަށްވެސް ފުރުޞަތެއް ނުލިބުނެވެ.
އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން ބުނެފައިވަނީ އެ އިމާރާތަށް ޙަމަލާ ދޭން ޖެހުނީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން އެ އިމާރާތް ބޭނުންކުރާތީއެވެ. ނަމަވެސް އެ އިމާރާތް ބޭނުންކުރަމުންދިޔަ ބޭރުގެ ނޫސްވެރިންނާއި އެ އިމާރާތުގެ ވެރިފަރާތުންވަނީ އެކަން ދޮގުކޮށްފައެވެ. ފަހުން އެނގުނު ގޮތުގައި އެ އިމާރާތުން ދިޔައީ ޣައްޒާގެ ބައެއް ސަރަޙައްދުތަކަށް އިންޓަނެޓުގެ ޚިދުމަތް ދެމުންނެވެ. އަދި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން އެ އިމާރާތަށް ޙަމަލާ ދީފައިވަނީ އިންޓަނެޓުގެ ޚިދުމަތަށް ބުރޫއެރުވުމުގެ މަޤްޞަދުގައެވެ. އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ދުނިޔެއަށް ސިއްރުކުރުމަށް އިސްރާއީލުން އަބަދުވެސް ވަރަށް ބޮޑަށް މަސައްކަތްކުރެއެވެ.
އޭގެ އިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރު ބުލިންކެންވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި ޙަމާސް ޖަމާޢަތުން އިސްރާއީލާ ދެކޮޅަށް ދެމުންދާ ރޮކެޓު ޙަމަލާތައް ހުއްޓާލުމަށްވެސް ގޮވައިލައިފައެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޙަމާސުންވަނީ 3،000އަށްވުރެ ގިނަ ޙަމަލާ އިސްރާއީލާ ދެކޮޅަށް ދީފައެވެ. އެ ޙަމަލާތަކުގެ ސަބަބުން ޔަހޫދީން މަރުވެ އަދި ޒަޚަމުވުމުގެ އިތުރުން އިސްރާއީލުގެ އިމަރާތްތަކަށާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި ހުއްޓާނުލައި އިސްރާއީލުން ޣައްޒާއަށް ޙަމަލާދިން ނަމަވެސް ޙަމާސުން ދެމުންދާ ރޮކެޓު ޙަމަލާތަކަށް އެއްވެސް މަޑުޖެހުމެއް އައިސްފައެއް ނުވެއެވެ. އެކަމުގެ ސަބަބުން އިސްރާއީލުން ފަށައިފައިވާ ހަނގުރާމަ ހުއްޓާލުމަށް އެ ޤައުމުގެ ރައްޔިތުންނާއި ނޫސްތަކުން ދަނީ ސަރުކާރަށް ބާރުއަޅަމުންނެވެ.
ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރާ ހުރިހާ ޖަމާޢަތްތަކަކީ ނިރުބުވެރި ޖަމާޢަތްތަކެއްކަމަށް އެމެރިކާއިންވަނީ ކަނޑައަޅައިފައެވެ.