ޚަބަރު

އެކަހެރި ރަށެއްގައި ދިރިއުޅެން ބޭނުން ނުވެގެން ރޮހިންޔާ މުސްލިމުން މުޒާހަރާކޮށްފި


ބަންގުލަދޭޝްގެ ސަރުކާރުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން އާބާދުކޮށްފައިވާ އެކަހެރި ރަށެއްކަމަށްވާ ބަޝަން ޗާރުގައި ދިރިއުޅުމުގެ ޙާލަތު ގޯސްވުމުން އެ މީހުން މުޒާހަރާކޮށްފިއެވެ.

2017ވަނަ އަހަރުގެ ތެރޭގައި މިޔަންމާގެ ސަރުކާރުން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަނިޔާތައް ދޭން ފެށުމުން 1 މިލިޔަނަށްވުރެ ގިނަ މީހުން ބަންގުލަދޭޝަށް ހިޖުރަކޮށްފައިވެއެވެ. ބަންގުލަދޭޝްގެ ވަކި ސަރަޙައްދުތަކެއްގައި އެ މީހުން ދިރިއުޅެނީ ތޮށްޖެހިގެން ވަރަށް ދަތި ޙާލުގައެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ބަންގުލަޑޭޝުންވަނީ އެ ޤައުމަށް ހިޖުރަކޮށްފައިވާ 18،000އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ބަޝަން ޗާރުގައި ވަޒަންވެރިކުރަން ފަށައިފައެވެ. ރޮހިންޔާއަށް ނިޞްބަތްވާ 100،000 މީހުން އެ ރަށަށް ބަދަލުކުރުމަށް ބަންގުލަދޭޝްގެ ސަރުކާރުންވަނީ ނިންމައިފައެވެ. މީގެ 20 އަހަރުކުރިން ޤުދުރަޠީގޮތުން އުފެދިފައިވާ ބަޝަން ޗާރަކީ ފެންބޮޑުވުމުގެ ހާދިޘާތައް ވަރަށް ގިނައިން ދިމާވާ ރަށެކެވެ. އަދި ސައިކުލޯނުތަކާއި ތޫފާންތައްވެސް ގިނަގިނައިން އަރާ ރަށެކެވެ.

އދގެ ރެފިއުޖީންނާބެހޭ އިދާރާ ޔޫއެންއެޗުސީއާރުގެ ވަފުދަކުން ބަޝަން ޗާރުގެ ޙާލަތު ބެލުމަށް ކުރި ދަތުރަކާ ދިމާކޮށް އެ ރަށުގައި ދިރިއުޅޭ އެތައް ހާސް މީހުންވަނީ މުޒާހަރާކޮށްފައެވެ. އެ މުޒާހަރާގައި 4،000އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. ފުލުހުން ބުނީ ބަޝަން ޗާރުގައި ދިރިއުޅޭ މީހުން ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށްފައިވަނީ ޔޫއެންއެޗުސީއާރުގެ ވަފުދު ހެލިކޮޕްޓަރުގައި އައިސް އެ ރަށުގައި ޖެއްސުމުންކަމަށެވެ. އެގޮތުން އެ ރަށުގައި ހުރި ގުދަންތަކަށް ގައު އުކައި އެތަންތަނުގެ ބިއްލޫރިތައް ތަޅާލާފައިވާކަމަށާއި ކުރިމަތިލުމަކަށް ދާން މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ ބުނެފައެވެ. އެ ހާދިޘާގައި ގިނަ ޢަދަދެއްގެ ރޮހިންޔާ މުސްލިމުންނަށް އަނިޔާވެފައިވާކަމަށް އެ ރަށުގައި ދިރިއުޅޭ މީހުން ބުނެއެވެ. ނަމަވެސް ފުލުހުންވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ޔޫއެންއެޗުސީއާރުގެ ވަފުދުންވަނީ ރޮހިންޔާގެ ހިޖުރަވެރިންނާ ބައްދަލުކޮށް އެ މީހުންގެ ޝަކުވާތައް އަޑުއަހައިފައެވެ. އެ އިދާރާއިން އެ މީހުންގެ ކަންބޮޑުވުންތައް ބަންގުލަދޭޝުގެ ސަރުކާރާ ޙިއްޞާކޮށް މަޝްވަރާކުރާނެއެވެ.

ބައެއް ރެފިއުޖީންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުން މީގެ ކުރިން ބުނެފައިވަނީ ބަޝަން ޗާރަށް ރޮހިންޔާގެ މުސްލިމުން ބަދަލުވާން ބަންގުލަދޭޝުގެ ސަރުކާރުން އެއްބަސްކުރުވާފައިވަނީ އޮޅުވާލައިގެންކަމަށެވެ. އެ ރަށަށް އެ މީހުން ބަދަލުވުމަށް އެއްބަސްކުރުވުމަށް އަނިޔާކޮށްފައިވާކަމަށްވެސް ބައެއް މީހުން ބުނެއެވެ. ނަމަވެސް ބަންގުލަދޭޝުން ބުނީ އެ މީހުން އެ ރަށަށް ބަދަލުކޮށްފައިވަނީ އެއްވެސް މަޖުބޫރުކުރުމެއް ނެތިކަމަށާއި އެ ރަށަކީ ރައްކާތެރި ރަށެއްކަމަށެވެ. އަދި އެ މީހުން ކުރިން ދިރިއުޅެމުންދިޔަ ކޭންޕުތަކަށްވުރެ ބަޝަން ޗާރުގެ ޙާލަތު ރަނގަޅުވާނެކަމަށް ބަންގުލަދޭޝްގެ ސަރުކާރުން ބުނެއެވެ.