އެމް.ޓީ.ސީ.ސީން މިހާރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ޖުމްލަ އަގު 2.3 ބިލިޔަން ރުފިޔާއަށް އަރާކަމަށް އެ ކުންފުނީގެ ސިީ.އީ.އޯ އިބްރާޙިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ވޭތުވެދިޔަ އަހަރަކީ އެމް.ޓީ.ސީ.ސީން އެންމެ ގިނަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔަ އަހަރު ކަމަށެވެ. މިގޮތުން މިދިޔަ އަހަރު 43 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށާއި މީގެ އިތުރުން، ވޭތުވެދިޔަ އަހަރު އަލަށް 40 ޕްރޮޖެކްޓް ލިބި، ޖުމްލަ ޕްރޮޖެކްޓްގެ އަދަދު 83 އަށް އަރާފައިވާކަަމަށެވެ.މި ހިނގާ 2016 ވަނަ އަހަރު މި މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަޝްރޫޢުތައް ނިންމައި 69 މަޝްރޫޢެއްގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަަމަށްވެސް ސީ.އީ.އޯ އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި މަސައްކަތްތައް މިހާ އަވަސް މުއްދަތެއްގެ ތެރޭގައި ކުރިއަށް ގެންދެވެނީ ސަރުކާރުން އެ ކުންފުންޏަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމުގެ ސަބަބުން ކަމަށެވެ.އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ ވިދާޅުވީ މި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ. އެގޮތުން ބޮޑުހިލަ ނުލިބިގެން ބައެއް މަޝްރޫޢުތައް ނިންމަންޖެހޭ ތާރީޚަށް ވުރެ ލަސްވެގެން ދިޔުމާއި ގުޅިގެން މިކަންތަކަށް ޙައްލު ހޯދުމަށްޓަކައި ބޮޑުހިލަ ގެނައުމަށް މުޅިން އާ ބާޖާއި ޓަގް ބޯޓުފަހަރު ގަތުމުގެ މަސައްކަތް ވޭތުވެދިޔަ އަހަރު ކޮށްފައިވާ ކަމަށެވެ. އަދި އެއްފަހަރާ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރުމަށްޓަކައި މުޅިން އާ ހެވީ ވެހިކަލްތައް ވޭތުވެދިޔަ ދެ އަހަރު ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.