މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން ފުރަތަމަ 13 ޓަވަރުގެ މަސައްކަތް ނިންމާ މިއަހަރުގެ އޯގަސްޓްމަހު އެތަންތަނުގައި މީހުން ދިރިއުޅެން ފަށާނެކަމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
މިއީ ސަރުކާރުގެ ފަހި ދިރިއުޅުން ކޯރޕަރޭޝަންގެ ފަރާތުން އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ 2 ކުންފުނިކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެން.ބީ.ސީ.ސީ ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.
މި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ޖޭ.އެމް.ސީއާއި ޙަވާލުކޮށްގެން ތަރައްޤީކުރާ ޓަވަރުތަކަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ދީފައިވަނީ "އަމާން އުދަރެސް" މި ނަމެވެ. އަދި އެން.ބީ.ސީ.ސީއާ ޙަވާލުކޮށްގެން ތަރައްޤީކުރާ ޓަވަރުތަކަށް ކިޔާނެ ނަންވެސް ވަރަށް އަވަހަށް ހާމަކުރާނެކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.
މި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު، މިތަންތަން ނިމިގެންދާއިރު ހުންނާނެގޮތް ދައްކުވައިދިނުމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވަނީ "އެކްސްޕީރިއަންސް ޔުނިޓް"ގެ ގޮތުގައި 2 ޔުނިޓެއް އާއްމުން ދައްކާލުމަށްޓަކާ ތައްޔާރުކޮށްފައެވެ.
މި 2 ޔުނިޓް ތައްޔާރުކޮށްފައިވަނީ ޖޭ.އެމް.ސީއިން މަސައްކަތްކުރަމުންދާ ޓަވަރުތަކުގެ ތެރެއިން 12 ވަނަ ޓަވަރުގައެވެ. "އެކްސްޕީރިއަންސް ޔުނިޓް"ގެ ގޮތުގައި ތައްޔާރުކޮށްފައިވަނީ 3 ކޮޓަރީގެ 2 ޔުނިޓެކެވެ. މިއީ އާއްމުންނަށް މިތަންތަން ނިމޭއިރު ހުންނާނެގޮތް ދައްކާލުމުގެ ބޭނުމުގައި ތަނަވަސްކޮށްދޭ ފުރުޞަތެއްކަމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވިދާޅުވެއެވެ. އެގޮތުން މި 2 ޔުނިޓުގައި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރު ސެޓާއި، އެނޫންވެސް ތަކެތި ބަހައްޓާފައިވެއެވެ.
މި އެކްސްޕީރިއަންސް ޔުނިޓްތަކާއި، މި މަޝްރޫޢުގައި ހިމެނޭ ޓަވަރުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވަނީ ބައްލަވާލައްވާފައެވެ. މި 2 ޔުނިޓްވެސް ތައްޔާރުކޮށްފައިވަނީ އެތަނަށް ބޭނުންވާ ހުރިހާ ފަރުނީޗަރަކާއި އެހެނިހެން ވަޞީލަތްތަކާވެސް އެކުގައެވެ. މިތަންތަން އާއްމުންނަށް އާއްމުކޮށް ދައްކާލުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓް ބެހިފައިވަނީ ޖުމްލަ 32 ޓަވަރަކަށެވެ. މިއީ ހުސް 17 ނުވަތަ 18 ބުރީގެ ޓަވަރުތަކެކެވެ. މީގެ ތެރެއިން 13 ޓަވަރެއްގެ މަސައްކަތް ވަރަށް ބާރަށް މިވަގުތު އަންނަނީ ކުރަމުންނެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފަހި ދިރިއުޅުން ކޯރޕަރޭޝަންގެ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯރޕަރޭޓް އެފެއާޒް އަޙްމަދު ޝަމޫލް ޢަބްދުﷲ ވިދާޅުވީ، މިވަގުތު އެންމެ ބާރަށް މަސައްކަތް ހިނގާ 13 ޓަވަރުވެސް މިއަހަރު އޮގަސްޓަށް ނިންމާ، މީހުން ދިރިއުޅެން ފަށާނެކަމަށެވެ. އެއީ ގާތްގަނޑަކަށް 1600 އަށްވުރެ ގިނަ ހައުސިންގ ޔުނިޓެވެ.
The lack of affordable housing has long been a problem for many Maldivian families.
— Government of Maldives (@governmentmv) January 20, 2023
The Fahi Dhiriulhun JMC Housing Project will provide 2000 households with modern homes at reasonable rates. pic.twitter.com/K0vVlrkJVr
މުޅި މަޝްރޫޢު ނިންމާލުމަށް އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ އޮގަސްޓުގެ ނިޔަލަށެވެ.
"ދެ ޕްރޮޖެކްޓުގައިވެސް އުޅޭނެ މިއަހަރަށް ނިމޭނެ އެއްޗެހި. އެއީ ޖުމްލަ 32 ޓަވަރުގެ ތެރެއިން މިހާރު މަސައްކަތް ކުރަމުން މިދަނީ 13 ޓަވަރެއްގައި. އެއީ އެން.ބީ.ސީ.ސީގެ ވަކި ޢަދަދެއް. ޖޭ.އެމް.ސީގެ ވަކި ޢަދަދެއް. މި 13 ޓަވަރުގެ ތެރެއިން ޖޭ.އެމް.ސީއިން ފުރިހަމަކުރާނެ 8 ޓަވަރެއް. އެން.ބީ.ސީ.ސީއިން ބާކީބައި. އޭރުން އޮގަސްޓަށް އެބަ ނިމޭ 1600 އަށްވުރެ ގިނަ ޔުނިޓު" ޝަމޫލު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 2 ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓެވެ. މީގެތެރެއިން 2 ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، 3 ކޮޓަރީގެ ފްލެޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ.