ޚަބަރު

ނެދަލޭންޑްސް އިން ޖަރުމަނަށް ގެނައި ގޮދަޑި އާއި ވެގްހޯސްޓްގެ ބާލީސް!


ޔޫރޯ ފުޓްބޯޅަ މުބާރާތް ކުޅެން ޖަރުމަނަށް ގޮސްތިބި ޓީމުތަކުގެ ތެރެއިން ނެދަލޭންޑްސްއަކީ ހާއްސަ ޓީމެކެވެ. އެމީހުން ތިބީ ޖަރުމަނުގެ ވުލްފުސްބާގުގެ އަގުބޮޑު ރިޒްކާލްޓަން ހޮޓަލުގަ އެވެ. މިތަނުން ކޮޓަރިއެއްގެ އަގަކީ 650 ޔޫރޯ (10754.32 ރުފިޔާ) އެވެ. އެކަމަކު މިކޮޓަރިތަކުގެ ނިދުމުގެ އިންތިޒާމް ނެދަލޭންޑްސްގެ ކުޅުންތެރިންނަށް ކަމަކުނުދިޔަ އެވެ. ހާއްސަކޮށް ނިދާ އެނދުގެ ގޮދަޑި އެވެ. މިހެންވެ ޓީމުން ވަނީ ކުޅުންތެރިން ނިދުމަށާއި އަރާމުކުރުމަށް ނެދަލޭންޑްސްއިން 100 ގޮދަޑި ގެނެސްފަ އެވެ.

ނެދަލޭންޑްސް ޓީމުން މިފަދައިން އަމަލުކުރީ ރިޒްކާލްޓަން ހޮޓަލުގެ ގޮދަޑިތައް ހަރުކަމުންނެވެ. ކުޅުންތެރިން ބޭނުންވީ އެމީހުން މުބާރާތުގެ ތެރޭގައި ހޭދަކުރާ މުއްދަތުގައި އެންމެ އަރާމުގައި ނިދައި އުޅުމަށެވެ. ރިޒްކާލްޓަން ހޮޓަލުން މިހާރު ނިންމާފައިވަނީ ނެދަލޭންޑްސް މުބާރާތުން ކެޓުމުން މި ގޮދަޑިތައް އަލުން ޕެކްކޮށް ނެދަލޭންޑްސް އަށް ފޮނުވާލުމަށެވެ. ނަމަވެސް ޓީމުން މިތަކެއްޗާމެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެކަމަކު ޔަގީންވާ ބަޔަކަށް ހަދިޔާ ކުރިޔަސް ކޮންމެވެސް ހިސާބަކުން މި ހުރިހާ ގޮދަޑިތަކެއް ނުވަތަ މީގެތެރެއިން ބައެއް ނެދަލޭންޑްސްއަށްދާނެ ކަމެވެ. ޔޫރަޕުގެ ހުޅަނގު އުތުރުގައި އޮތް 17 މިލިއަން މީހުން ދިރިއުޅޭ ނެދަލޭންޑްސް އަކީ ގޮދަޑި ރީސައިކަލް ކުރުމަށް އެންމެ މަޝްހޫރު ގައުމެވެ.

އެގައުމުގައި އެކަނި ވެސް 1.5 މިލިއަން ގޮދަޑި އަހަރަކު އުކާލަ އެވެ. ޔޫރަޕުގެ ހުރިހާ ގައުމަކުން އަހަރަކު 30 މިލިއަން ގޮދަޑި އުކާލައި ރީސައިކަލްކުރާއިރު މިތަކެތި އެންމެގިނައިން ގޮންގޮސް ހަދަނީ ނެދަލޭންޑްސްގެ ފެކްޓަރީތަކަށެވެ. ބުނެވޭ ގޮތުގައި އުލާކާ ހުރިހާ ގޮދަޑިއެއް އެއްފުންޏަކަށް ޖަހައިފިނަމަ މި ގޮދަޑި ފަރުބަދަ މަޝްހޫރު މައުންޓް އެވަރެސްޓަށްވުރެ 678 ގުނަ އުސްވާނެ އެވެ.

ޔޫރޯގައި ނެދަލޭންޑްސްގެ ކުޅުންތެރިން އަރާމުކުރުމަށް ގެނައީ ހަމައެކަނި ގޮދަޑިއެއްނޫނެވެ. ބައެއް ކުޅުންތެރިން ދާ ކޮންމެ ތަނަކަށް ބާލީސް ވެސް ގެންގޮސްހެދި އެވެ. މިފަދަ އެއް ކުޅުންތެރިއަކި ފޯވަޑް ވޫޓް ވެގްހޯސްޓެވެ. އޭނާ ބުނަނީ އާއްމުކޮށް ނިދައިއުޅެނީ ކޮޓަރީގެ ކުޑަދޮރު ހުޅުވައިގެން ކޮރިޑޯގައި ކަމަށާއި ނަމަވެސް ރަށުތެރޭގެ އަޑުފަށްގަނޑު ގަދަކަމުން ނިދަން އުނދަގޫވާކަމަށެވެ. އެއީ ހޮޓަލާ ކައިރި ހިސާބުތަކުގައި ކޮންސެޓްތައް ބާއްވާތީ އެވެ.

އަބަދު ބާލީސް ގެންގުޅެނީ ޗޭންޖިން ރޫމާއި ދަތުރުކުރާއިރު އަރާމުކުރަން ފަސޭހަކުރުމުގެ ގޮތުން ކަމަށެވެ. ޓްރޭން އަދި ބަހުގައި ދަތުރުކުރާއިރު ބާލީސް އޮތުމުން ނިކަން ހަމަޖެހިގެން އޮންނަން ފުރުސަތު ލިބޭ ކަމަށާއި ދަނޑަށް ގޮސް ޗޭންޖިން ރޫމުގައި ވެސް ބާލީހުގެ ބޭނުން ޖެހޭ ކަމަށެވެ. މީގެ އިތުރުން އެއާޕޯޓްތަކުގައި ނިދާނެ ތަންތަން ނުހުންނާތީ ބާލީސް އޮތުމުން ހުސްކޮށް ހުރި ކޮންމެ ތަނެއްގައި އޮށޯވެ ހަމަޖެހިލައިގެން އޮންނަން ފުރުސަތު ލިބޭ ކަމަށެވެ.