ތަރިކައިގެ ދާއިރާގެ ކަންކަން ރޭވުމުގައްޔާއި ނިންމުންތައް ކަނޑައެޅުމުގައި ތަރިކަވެރިންގެ ޚިޔާލާއި މަޝްވަރާ ހިމަނައި އެބޭފުޅުންގެ ބައިވެރިންވުން އިތުރުކުރުމަށް "ތަރިކަވެރިންގެ އަޑު"ގެ ނަމުގައި ޚާއްސަ ބައްދަލުވުމެއް ބާއްވަފައިއެވެ.
މި ޚާއްސަ ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ޤައުމީ ދާރުލްއާސާރުގެ ހޯލުގައެވެ.
ތަރިކައާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ދާއިރާގެ ބޭފުޅުންގެ އިޙްސާސްތައް ދެނެގަނެ މި ފަންނުގައި ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ފެއްޓެވި މުހިންމު މަސައްކަތެއްކަމަށެވެ.
މި ބައްދަލުވުމުގައި ތަރިކަވެރިންނާއެކު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ ގިނަ ވަގުތުތަކެއް ހޭދަކުރައްވާ، އެބޭފުޅުންގެ މަސައްކަތުގެ ދާއިރާތަކުގެ ވާހަކަތައް އަޑު އައްސަވައި، ސަރުކާރާއި ގުޅިގެން ސަގާފީ މަސައްކަތްތައް އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާފައެވެ.
މި ބައްދުލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ މި ބައްދަލުވުމުގައި ތަފާތު އެކި ދާއިރާތަކުގެ ތަފާތު އެކި ފަންނުތަކުގެ ބޭފުޅުން ބައިވެރިވެފައިވާކަމަށެވެ. މި ފަރާތްތައް މެދުވެރިކޮށް މުހިންމު ޚިޔާލުތަކެއް ލިބި، ގުޅިގެން ކުރެވޭނެ މަސައްކަތްތައް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުން ތަރިކަވެރިން ފާހަގަކުރެއްވި ކަންތައްތަކަށް ރިޢާޔަތްކުރައްވައި، ވަކި ވަކި ފޯކަސް ގުރޫޕް މަޝްވަރާތައް ތާވަލުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއީ އަދި ފެށުމެއް، ތިބޭފުޅުންނާއެކު އަދި އިތުރު މަޝްވަރާތަކެއް ނުވަތަ ޚިޔާލު ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އަދި ވަކި ވަކި ބައްދަލުވުންތަކަށް އެދި ވަޑައިގެން ބޭފުޅުންނަށް އެ ފުރުޞަތު ދޭނަން. އުންމީދު ކުރަން މި ބައްދަލުވުމަކީ ތިބޭފުޅުންނަށްވެސް އެއްބަޔަކު އަނެއްބަޔަކު އަޅުގަނޑުމެން އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް ލިބިގެންދިޔަ ފުރުޞަތެއްކަމަށް" ވަޒީރު ހީނާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ ބައިވެރިވުން އިތުރުކުރުމަކީ ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫއަށް ލިބެނޭ ބޮޑު ކުރިއެރުމެއް ކަމަށާއި، މި ބައްދަލުވުމަކީ މީގެ އުފާވެރި ފެށުމެއް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ތަފާތު ފަންނުގެ ބޭފުޅުން އެކުވެ މިފަދަ ގޮތަކަށް ޚިޔާލު ބަދަލުކުރުމުގެ ބައްދަލުވުންތައް ބޭއްވުމަކީ މުހިންމުކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
"މިއީ ވަރަށް މުހިންމު ކަމެއް. އަލަށް މިގޮތަށް ބައްދަލުވުންތަކެއް ބޭއްވިގެން މިދަނީ. ހުރި ގޮންޖެހުންތައް ހިއްސާކުރުމަށް ހަޤީގަތުގައި ވަރަށް މުހިންމު ބައްދަލުވެއް މީ" ބައްދަލުވުމުގެ ބައެއް ބައިވެރިން ފާހަގަކުރިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މުނިފޫހިފިލުވުމުގެ ސަގާފީ ހަރަކާތްތަކާއެކު ޝައުގުވެރިގޮތަކަށެވެ. އޭގެ ތެރޭގައި އިހުގެ ދިވެހިންގެ މެދުގައި މަޝްހޫރު ތަފާތު އެކި ސައިގެ ރަހަބެލުމުގެ ފުރުޞަތާއި، ކުދިކާތަކެތި، ދާރުލްއާސާރުގެ ފަރާތުން ކުޑަ މައުރަޒެއްގެ އިތުރުން އޮށްވަޅު އަދި ތިންހަމަ ފަދަ ބޯޑު ކުޅިވަރުތައް ވެސް ބެހެއްޓިފައި ހުއްޓެވެ.